ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް/ޕީއެންސީގެ ސެނެޓުން މިއަދު ނިންމި ނިންމުން ބަލައިނުގަންނަކަން ރައީސް ޔާމީން އަންގަވައިފިއެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރި ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މި ނިންމެވުން ފޯނު ކޯލެއް މެދުވެރިކޮށް ހިއްސާ ކުރެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުން އަށެވެ.
އަދި ދެ ޕާޓީ ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް މެދުވެރިކުރައްވައި ރައީސް ޔާމީންގެ އެ ނިންމުން ސެނެޓާ ހިއްސާ ކުރެއްވުމަށް ރައީސް ޔާމީން އިރުޝާދު ދެއްވިކަމަށްވެސް ވެ އެވެ.
އެނގިފައިވާގޮތުގައި މިކަމާއި ގުޅިގެން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ޕީޕީއެމް/ޕީއެންސީ ސެނެޓުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ބޮއިކޮޓް ނުކުރަން ސެނެޓުން މިއަދު ސެނެޓުން ނިންމީ ބޮއިކޮޓް ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވަނިކޮށެވެ.
އެ އިރުޝާދާ ދެކޮޅަށް ސެނެޓުން އެފަދަ ނިންމުމެއް ނިންމައި ރައީސް ޔާމީންގެ ހިޔާލަށް ފޮނުވީ ބޮއިކޮޓް ނުކޮށް ކެނޑިޑޭޓަކު ނެރެ އިންތިހާބު ކާމިޔާބު ކޮށްގެން މެނުވީ ރައީސް ޔާމީން މިނިވަން ނުކުރެވޭނެކަމަށް ސެނެޓުން ދެކޭތީއެވެ.
ބޮއިކޮޓް ކުރުމުގެ ހިޔާލު ރައީސް ޔާމީން ސެނެޓަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް