ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ކޭސް އެއް ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ކޭސް ފެނިފައި ވަނީ އިއްޔެ ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ މީހެއްގެ ފަރާތުން ކަމަށެވެ.
މި ކޭސް ފެނުމާގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި މި ކޭސް މޮނިޓަރކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
"މި ކޭސް އާ މިދިޔަ މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތް" އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މަހު މާލެއިން ފެނުނު ހިމަބިހި (މީސަލްސް) އަށް ޕޮޒިޓިވް ވެފައިވާ މީހަކީ ރާއްޖެއިން ބޭރުން (އިމްޕޯރޑެޓް ކޭސް) އެކެވެ.
ހިމަބިހީގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ބަލި ޖެހުމުގެ ރިސްކު97 އިންސައްތަ ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ނަމަވެސް ހިމަބިއްސަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލި ކަމަށް ވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހީގެ ކޭސްއެއް އޭޕްރީލްމަހު އައްޑޫއިންވެސް ވަނީ ފެނިފައެވެ.
ހިމަބިއްސަކީ ދިވެހިރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްކަމަށް ވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައިވިޔަސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ. އަދި ވަރަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ފެށޭނެކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުންފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ. ވީމާ އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް