މިއަދުވެސް މާލެއަށް އުދައަރާނެތީ ސައިކަލުގައި ނޫޅުމަށް އިލްތިމާސްކޮށްފި

މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހ...

06 Aug 2023 | 10:25

މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ، އެ  ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދީ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރުން ބުއްދިވެރި ކަމަށެވެ،

"ދިމާވާ ހާލަތެއްގެ ސަބަބުން، ތިޔަބޭފުޅުންނަށް އެހީތެރިވެދީ، ޓްރެފިކް ޑައިވަރޓް ކުރަންޖެހިއްޖެ ނަމަ އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ އޮފިސަރުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.

މިހާރު ރާއްޖެއަށް އަރަމުން އަންނަ އުދައިގައި އިއްޔެ  މާލެ ހުޅުމާލެ ހައިވޭއަށް އެރި އުދައިގެ ރާޅުތަކުގައި ބަޔަކަށް އަނިޔާވެ ވެހިކަލްތަކަކަށް ގެއްލުންވިއެވެ.

އެ މަންޒަރު ފެންނަ ބައެއް ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގެއްލުންވި ސައިކަލުތައް ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުން އެ ވީޑިއޯއިން ފެނެއެވެ.

އަނެއް ވީޑިއޯއިން ފެންނަނީ އެއާޕޯޓް ފަޅިން ބްރިޖް ލައިޓްގައި ތިބެފައި ލައިޓް ގްރީން ވުމުން ނައްޓާލި ވަގުތު ޖެހި ރާޅެއްގައި ގިނަ ބަޔަކު ސައިކަލްތަކާއެކު ކަހާލައިގެން ސައިކަލާއެކު ވެއްޓޭ މަންޒަރެވެ.

މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް މެޓުން އިއްޔެ ވަނީ ހުދު ސަމާލުވެސް ނެރެފައިވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށްވެސް އުދައިގެ އަސަރު ކުރަމުން އަންނަކަމަށް އެ ރަށްރަށުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް