ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު މާލޭ ސަރަހައްދުގައި އިމާރާތް ކުރި ތިން ސްކޫލެއްގެ މަސައްކަތް ނިމި ބޭނުން ކުރަން ފަށާނެ

2023-2024 ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު މާލޭ ސަރަހައްދުގައި އިމާރާތް ކުރި ތިން ސުލޫލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ...

05 Aug 2023 | 19:40

2023-2024 ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު މާލޭ ސަރަހައްދުގައި އިމާރާތް ކުރި ތިން ސުލޫލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ފާހަގަކޮށްފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު ދިރާސީ އައު އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީ ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރީންނަށާއި، ބެލެނިވެރީންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް އަރިސްކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

"މި ދިރާސީ އަހަރު ފެށިގެން މިދަނީ 84،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ.  ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ.  އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.  މިއަހަރު ގްރޭޑް 1 ގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފަށާއިރު އޭގެ ތެރެއިން (5 އޮގަސްޓް 2023ގެ ނިޔަލަށް) މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް 2491 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައެވެ.  ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އި އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އެއީ ވ. ތިނަދޫ ސްކޫލް، ރަކީ ދޫ ސްކޫލް، ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލެވެ." މިނިސްޓްރީން ބުނެފައިވެއެވެ.

ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އާއި ސްކޫލްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމު ގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި އަދި ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންވެސް ވަނީ ހަމަވެފައި ކަމަށެވެ. މި އަހަރު ސަރުކާރު ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި 1843 ބިދޭސީ މުވައްޒަފުން މަސައްކަތްކުރައްވާނެކަން ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގައި ކިޔަވާ ކޮންމެ ދަރިވަރަކަށްމެ އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެ ވެއްޓެއް ޤާއިމުކުރުމަށްޓަކައި، ސްކޫލްތަކުގައި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މިދިޔަ 5 އަހަރެ އްހާ ދުވަސްތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްލާސްރޫމާއި، ހޯލް އަދި އެހެނިހެން ވަޞީލަތްތައް ހިމެނޭހެން ޖުމްލަ 63 މަޝްރޫޢުގެ މަސައްކަތް ނިމި ބޭނުންކުރަން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި 265 ކްލާސްރޫމާއި 20 މަލްޓިޕަރޕަސް ހޯލާއި 72 އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި މިހާރުވެސް 800 ކްލާސްރޫމާއި، 47 މަލްޓިޕަރޕަސް ހޯލް އަދި 192 އެހެނިހެން ވަޞީލަތްތައް ހިމެނޭހެން ޖުމްލަ 109 މަޝްރޫޢެއް ކުރިއަށް އެބަދެއެވެ." މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

2023-2024 ވަނަ ދިރާސީ އައު އަހަރާ އެކު މާލޭ ސަރަޙައްދުގައި އިމާރާތްކުރަމުންދާ ތިން ސްކޫލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާއިރު އެއީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ އައު އިމާރާތް އަދި ހުޅުމާލޭ ފޭޒް ދޭއް ގައި އިމާރާތްކޮށްފައިވާ ޞަލާޙުއްދީން ސްކޫލެވެ. މި ތިން ސްކޫލްގައި ވެސް ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތަށް އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ބަދަލުކޮށް ކިޔަވައިދޭން ފަށާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީންނާއި ދުވަސް ނޫހުން އެދެނީ މި ފެށޭ ދިރާސީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އުފާވެރި، ކާމިޔާބު އަހަރަކަށް ވެގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް