ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓުގެ ބަނޑުން މާބަނޑުކަން އެނގެން ފަށައިފި އެވެ.
އާލިއާ އާއި ބަތަލް ރަންބީރު ކަޕޫރު ކައިވެނި ކުރީ މިދިޔަ އޭޕްރިލް 14 ވަނަ ދުވަހު އެވެ. އާލިއާ ބަނޑުބޮޑުކަން ހާމަ ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ.
އޭގެ ފަހުން އޭނާ އާންމު ތަންތަނުން ފެންނަނީ ވަރަށް ދޫ ހެދުން ލައިގެން އުޅޭތަނެވެ.
އެކަމަކު ރޭ ވަނީ ފުރަތަމަ ފަހަރަށް ދެމަފިރިން އެކުގައި ބާރު ހެދުމެއް ލައިގެން ހުރެ ނޫސްވެރިންގެ ކުރި މައްޗަށް އަރާފަ އެވެ. އަދި އޭނާގެ ބަނޑު އެނގޭނެ ގޮތަށް ހުއްޓިގެން ހުރެ ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެ އެވެ.
ރޭ ރަންބީރާ އާލިއާ ބައިވެރިވެފައިވަނީ އެމީހުންގެ ފިލްމު "ބްރަހްމާސްޓްރާ" ގެ ޕްރޮމޯޝަންގެ ތެރެއިންނެވެ. ރޭ އޮތީ އެ ފިލްމުގެ ލަވަތައް ރިލީޒް ކުރުމެވެ.
ރޭ އޭނާ ލައިގެން ހުރި ހެދުމަކީ ބަނޑު ބޮޑުކަން ދައްކާލުމަށް ލީ ހެދުމެއް ކަމަށް މީހުން ގަބޫލު ކުރެ އެވެ. އެއީ އިއްޔެ ރިލީޒް ކުރި އާލިއާގެ ފިލްމު "ޑާލިންސް" ގެ ޕްރޮމޯޝަން އާއި އެނޫން ހަރަކާތްތަކުގައި އޭނާ ވަރަށް ދޫކޮށް ހެދުން ލައިގެން އާންމުންގެ ތެރެއަށް ނުކުމެފައިވާތީ އެވެ.
އާލިއާ އާއި ރަންބީރު މިއަހަރު ކައިވެނި ކުރީ ފަސް އަހަރު ލޯބިވެރިންގެ ގޮތުގައި އުޅުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް