ރޭލު ގަދަނޑުގައި ކާރު ތަށިވެ، ސަލާމަތް ނުވެވިގެން ސައުދީ އަރަބިއްޔާގެ ދެ ބަފަޔަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ އޮސްޓްރޭލިއާގެ ކިޓްޒްބުހެލް ޑިސްޓްރިކްޓުގެ ޓައުނެއް ކަމަށްވާ އެސްޓީ ޖޯނަސް ގައި އެވެ. މި ހާދިސާ ހިނގީ ސައުދީ ފިރިހެން މީހާ، އަނބިމީހާ އާއި ތިން ކުދިންނާއި އެކު ދަތުރު ކުރަމުން ދަނިކޮށެވެ.
އެ މީހުން އޮސްޓްރޭލިއާއަށް ގޮސް އުޅެނީ ޗުއްޓީ ހޭދަ ކުރުމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރޭލު ދަގަނޑުގައި ކާރު ތާށިވުމާއި އެކު އޭނާ ވަނީ ކާރު ފައިބައި އަންހެނުންނާއި ދެ ކުދިން ރައްކާތެރި ހިސާބަށް ގެންގޮސްފަ އެވެ. ރޭލެއް އައިސް އެމީހުންގެ ކާރުގައި ޖެހި އެކްސިޑެންޓު ހިނގީ ތިން ވަނަ ކުއްޖާ ނަގައިގެން ގެންދަން އުޅެނިކޮށެވެ.
މަރުވީ އުމުރުން 35 އަހަރުގެ ފިރިހެން މީހާ އާއި ހަތަރު އަހަރުގެ ފިރިހެން ދަރިފުޅެވެ. ދެބަފައިން މަރުވީ ކުއްޖާ ކާރުގައި ބައިންދާފަ އިން ކުޑަކުދިންގެ ގޮނޑިން އަވަހަށް ނަގަން އުޅުމުގެ ތެރޭގައި ނުނެގިގެން ކަމަށް ވެއެވެ.
ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
މި ހާދިސާގައި ސަލާމަތްވީ އުމުރުން 34 އަހަރުގެ ކުދިންގެ މަންމަ އާއި 11 އަހަރާއި ހަތް އަހަރުގެ ދެ ދަރިންނެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް