ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާއި ގުޅިގެން ހައްޔަރުކު ކުރި، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މިއަދުއެވެ. އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި ޝައިޚް ފަޒްލޫން މުހައްމަދު ވެސް ހިމެނެއެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގައެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން އިތުރުކުރިއެވެ.
އޭނާ ބަންދުގެ މައްސަލަ މީގެ ކުރިން ވަނީ ހައިކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ. އެކަމަކު މިދިޔަ ޖުލައި 24 ވަނަ ދުވަހު އެ ކޯޓުން ވަނީ އޭނާ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް