ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް (އެޗް ޓީ ޓީ އެފް) ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި ފެސްޓިވަލް އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބައިވެރިވުމުގެ ސުންގަޑި މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ 23:59 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ފެސްޓިވަލް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އަންނަ މަހުގެ 15 އިން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:50 އަށް މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަލީ ހަމީދު ވިދާޅުވީ މި ފެސްޓިވަލްގައި މިހައިތަނަށް ބައިވެރިވެފައިވަނީ ކ. މާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ވިލިނގިލި، ލ. މާމެންދޫ، ހއ. ހޯރަފުށި އަދި ވ. އަތޮޅުގެ ބައެއް ރަށްތަކުން ކަމަށެވެ.
އެޗް ޓީ ޓީ އެފް 2022 މަގްސަދަކީ ހަޤީޤީ ދިވެހިންގެ ސަގާފަތާއި ދިވެހިން ދިރިއުޅެމުންދާ ރަށްތައް، ފަތުރުވެރިންގެ މަންޒިލް ތަކަކަށް ހެދުމަށް އެހީތެރިވެދިނުމެވެ. އަދި ދުނިޔޭގެ ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނެސް ރަށު ފަތުރުވެރިކަން ފުޅާކުރުމެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރައްތަކަށް ޒިޔާރަތް ކުރާ ނޫނީ ޒިޔާރަތް ކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ އަދަދު އިތުރު ކޮށްދިނުމަކީ ވެސް މަގުސަދެކެވެ.
ހަމަމިއާއެކު ރަށް ރަށުގެ ކައުންސިލާއި، ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ އެކި މަޝްރޫތަށް ހިންގުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މާހިރުންނާއި ދިމާވެ، ބައްދަލުވުންތަށް ފެސްޓިވަލްގައި ބޭއްވި މި ސިނާއަތާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބި ރަށުގައި ރަށުފަތުރުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ވެސް މަގުސަދެކެވެ.
މި ފެސްޓިވަލް ބޭއްވުމުގެ އިތުރު މަގުސަދުތަކުގެ ތެރޭގައި ދިވެހިންގެ ތޭރޭގައި ވެސް އެބަޔަކު ނިސްބަތްވާ އަތޮޅާއި ރަށް ނޫން ރައްތަކާއި ބެހޭ މަޢޫލޫމާތު ފުޅާ ދާއިރާއެއްގައި ފެސްޓިވަލް މެދުވެރިކޮށް ލިބި، ދިވެހިން ވެސް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރުމަށް އިތުރަށް ޝައުގެވެރިކަން އުފައްދާ ރަށްރަށަށް ޒިޔާރަތް ކުރުމުގެ އާދަކާދަ ފުޅާކުރުމާއި ރަށްރަށަށް ހޯމް ސްޓޭ އާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ދިވެހިން އިތުރުކޮށްދީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުން ވެސް ހިމެނެއެވެ.
މި ފެސްޓިވަލްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް (އެރަށެއްގައި ހިމެނޭ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް)، ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް، ފަތުރުވެރިކަމާއި ގުޅުންހުރި ޖަމިއްޔާ ޖަމައާތްތައް އަދި ފަތުރުވެރިކަމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ސަޕްލައި ކުރާ ވިޔަފާރިތަކަށް (އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު، ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް) ބައިވެރިވެވޭނެއެވެ.
ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓާރުންނާއި ފަތުރުވެރިންނާއި ރިއަލްސްޓޭޓް އިންވެސްޓަރުނާއި ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރުން އަދި އާންމު ރައްޔިތުން ޒިޔާރަތް ކުރާނެ މި ފެސްޓިވަަލަކީ 2019 އިން ފެށިގެން ހާ ޓު ސީނު ގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަށް ފަތުރުވެރިކަމުގެ ދުނިޔޭގައި އިޝްތިހާރު ކުރުމަށާއި ދިވެހިން ވަޒަންވެރިވެ ތިބި ރަށްތަކުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނާއި ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނައުމަށް ހާ ޓު ސީނުގެ ކޯރ ފައުންޑަރުން ކަމަށްވާ ޢަލީ ހަމީދު އާއި މަރްޔަމް ރަޢުލާ ކުރަންފެށި މަސައްކަތުގެ އެންމެ މުހިންމު މަންޒިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް