ހިޔާ މަޝްރޫއުގައި ހިމެނޭ ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފި އެވެ.
އެ ކުންފުނީގެ 360 މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއު ނިންމާލެވުނީ އެކުވެރި ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ޚާއްސަކޮށް އެޗްޑީސީއަށާއި އެމްޑަބްލިއުއެސްސީއަށް އޭނާ ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ.
ސްޓެލްކޯއިން އެޅި ދެ ޓަވަރަށް ދީފައިވާ ނަމަކީ "ބްލޫ ރިޗް- 1" އަދި "ބްލޫ ރިޗް- 2" އެވެ.
"މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށާއި ކާމިޔާބު ކަމާއެކު ޕްރޮޖެކްޓް ނިންމާލުމަށް މީގެ ކުރިން މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި އެމްޑީ އަހްމަދު ޒުހޫރާއި އެމްޑީ ހަސަން މުޣުނީއަށް ޚާއްސަ ޝުކުރެއް އަދާކުރަން." ޝަރީފް ވިދާޅުވިއެވެ.
ފެބްރުއަރީ 2018 ގައި ބިންގާ އަޅައި މަސައްކަތް ފެށި މި ޕްރޮޖެކްޓަށް 692 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފްލެޓްތަކުގެ އަގުގެ ގޮތުގައި މުއައްޒަފުންގެ އަތުން ނަގަނީ 623 މިލިއަން ރުފިޔާއެވެ. އަދި ބާކީ 69 މިލިއަން ހަމަކުރަން އޮތް ފައިސާ އަކީ އެ ކުންފުނިން ތަހައްމަލު ކުރާނެ އަދަދެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.
ޝަރީފް ވިދާޅުވެފައިވަނީ މުވައްޒަފުންގެ އަތުން ނަގަން ނިންމާފައިވާ 623 މިލިއަން ރުފިޔާގެ ތެރެއިން 20 ޕަސެންޓްގެ ގޮތުގައި މިހާތަނަށް ނަގާފައިވަނީ 114 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން މުއައްޒަފުންގެ އަތުން ދެން ނަގަން ޖެހެނީ 509 މިލިއަން ރުފިޔާ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.
މި ފްލެޓްތަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1 ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ދައްކަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް