އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލީގު ފެށުމުގެ ގޮތުން ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލްް މޮޅެއް ހޯދައިފި އެވެ.
ކްރިސްޓަލް ޕެލަސް ދަނޑުގައި ރޭ ކުޅެވުނު މި މެޗު އާސެނަލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އާސެނަލުން ލީޑު ނަގާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ބްރެޒިލްގެ ފޯވާޑް ގަބްރިއެލް މާޓިނޭލީ ލަނޑު ޖަހާ އާސެނަލަށް މެޗުގެ ލީޑު ނަގައިދިންއިރު، މި ލަނޑު އޭނާ ޖަހާފައިވަނީ އޮލެކްސަންޑަ ޒިންޗެންކޯ ބޮލުން ގޯލުގެ ކުރިމައްޗަށް ނަގައިދިން ރީތި ހުރަހަކުންނެވެ.
އާސެނަލްގެ މި ލަނޑަށް ފަހު ޕެލަސް އިންވެސް ނަތީޖާ އެއްވަރު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޕެލަސްގެ އޮޑްސެން އެޑޮއަޑް އަށެވެ. އޭނާ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލަން ޖެހި ބޯޅަ ސަލާމަތް ކުރީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އާސެނަލްގެ ގޯލް ކީޕަރ އާރޮން ރަމްސްޑޭލްއެވެ.
އާސެނަލުން ރޭގެ މެޗުގައި ކާމިޔާބު ކުރި އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 85 ވަނަ މިނިޓްގައެވެ. ނަމަވެސް މި ލަނޑަކީ ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު، މާކް ގޭހީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް