މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވާންޖެހޭ ތައްޔާރީތައްވެ ނިމިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބަސް ސްޓޮޕްތަކުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
" މިނީބަސް ދަތުރުކުރުމަށް މިވަގުތު ކަނޑައެޅިފައިވާ ރޫޓުތަކަކީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު އަދި މެރިންޑްރައިވްގެ ވަކި ހިސާބެއް. ބަސް ދަތުރުތައް ފެށުމުން އިތުރު މަގުތައް ކަނޑައެޅުމަށް ވަނީ ނިންމާފަ." އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އަމާޒަކީ ގެއިން ނުކުމެގެން ހިނގާފައި ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި ބަސް ސްޓޮޕަކަށް ދެވޭ ވަރަށް، ބަސް ސްޓޮޕްތައް ސެޓުކުރުން ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ 14 ދުވަހު ހިލޭ ބަސް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަހުގެ ޚިދުމަތަށް ހިލޭ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ގެ ދަށުން މިނީބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެ ކުންފުނިން މިހާރުވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައި މިނީ ބަހުގެ ޚިދުމަތް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް