އިސްރާއީލުން ގާޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތަކަކީ ކެމްޕެއިން އުކުޅެއް!

އިސްރާއީލުން އިއްޔެ ވައިގެ މަގުން ފަލަސްތީނުގެ ގާޒާއަށް ދޭންފެށި ހަމަލާތަކުގެ އަޑީގައި ސިއްރެއްވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ވައިގެ މަގުން ދެމުންދާ ޑްރޯން އާއި ރޮކެޓު ހަމަލާތަކުގައި މިހާތަނަށް 10 ...

06 Aug 2022 | 05:03

އިސްރާއީލުން އިއްޔެ ވައިގެ މަގުން ފަލަސްތީނުގެ ގާޒާއަށް ދޭންފެށި ހަމަލާތަކުގެ އަޑީގައި ސިއްރެއްވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވައިގެ މަގުން ދެމުންދާ ޑްރޯން އާއި ރޮކެޓު ހަމަލާތަކުގައި މިހާތަނަށް 10 މީހަކު ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި 23 އަހަރުގެ އަންހެނަކާއި ގާޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު މިލިޓަރީ ވިންގުގެ ކޮމާންޑަރު ތައިސިރް އަލް ޖަބަރީ ހިމެނެ އެވެ.

ހަމަލާތައް ދޭން ފަށާފައި މިވަނީ މީގެ ހަފްތާއެއް ކުރިން އެ ޖަމާއަތުގެ ސީނިއާ މެމްބަރެއް ކަމަށްވާ ބައްސާމް އަލް ސާދީ ހައްޔަރު ކުރުމަށް ފަހު އެވެ. މި ހަމަލާތައް އަމާޒު ކުރަމުން ދަނީ ގާޒާ އާންމުން ދިރިއުޅެމުންދާ ހިސާބުތަކަށެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވަރުގަދަ ހަމަލާތަކެއް ދިންތާ 15 މަސް ފަހުން އަނެއްކާވެސް އިސްރާއީލުން ދޭން ފެށި މިހަމަލާތަކުގެ ސިއްރު އެނގޭ ކަމަށެވެ. މީގެ 15 މަސް ކުރިން ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 260 މީހުން ޝަހީދު ކޮށްލާފައިވެ އެވެ.

މިފަހަރު ހަމަލާތައް ދޭން ފެށުމުގެ ކުރިން އިސްރާއީލު ސިފައިން ވަނީ ގާޒާގެ ބައެއް މަގުތައް ބަންދުކޮށްފަ އެވެ. އަދި ސިފައިން ދަނީ އެއްވެސް ކޮމާންޑަކާއި ނުލައި ގާޒާ ތެރޭގައި ހަރަކާތްތެރިވެ ފަލަސްތީން ރައްޔިތުންނަށް ބިރުދައްކަމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނީ އޮޕަރޭޝަން ފެށުމުގެ ކުރިން ބުރާސްފަތި ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ޔެއިރް ލެޕިޑް ވަނީ އިސްރާއީލްގެ ދެކުނުގެ ސަރަހައްދުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގައި ފަސްޖެހި ލަދު ނުގަންނާނެ ކަމަށެވެ. އަދި ޓެރަރިސްޓުންނަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ބުނެފައިވެ އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އިސްރާއީލްގެ އާންމު އިންތިހާބާއި އިއްޔެ ދޭން ފެށި ހަމަލާތައް ގުޅުވަމުންދަނީ ބޮޑުވަޒީރުގެ މިވާހަކަ އާއި ގުޅިގެންނެވެ. އިސްރާއީލުން މަސައްކަތް ކުރަމުންދަނީ ގާޒާގައި އިސްރާއީލް ރައްޔިތުން އާބާދު ކޮށް ޓެރަރިސްޓުންގެ ގޮތުގައި އެ ގައުމުން ބަލާ ހަމާސް އާއި އިސްލާމިކް ޖިހާދު ނައްތާލުމަށެވެ.

ހާމަކޮށްދޭން މަސައްކަތް ކުރަމުންދަނީ މިހާރުގެ އިސްރާއީލް ސަރުކާރުގެ އަމާޒަކީވެސް އެއީ ކަމަށެވެ.

މިހާރުވެސް އެތައް ހާސް ފަލަސްތީނު ރައްޔިތުންގެ ގެދޮރު އަތުލައި މަގުމަތި ކުރުމަށްފަހު އެ ގެތައް ވަނީ އިސްރާއީލް މީހުންނަށް ދީފަ އެވެ. އަދި އިސްރާއީލް ރައްޔިތުންނަށް ގާޒާގައި ފްލެޓު އެޅުމުގެ މަޝްރޫއުތައްވެސް ފަށާފައިވެ އެވެ.

މި ކެމްޕެއިން އުކުޅަކީ އަނެއްކާވެސް ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެރިކަން ލިބުނަ ނުދިނުމަށް ކުރާ ކަމެކެވެ. ނަތަންޔާހޫގެ ވެރިކަމުގައި އޭނާވެސް ވަނީ ގާޒާގައި އަނިޔާވެރި އެތައް އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ފަސަލްތީން ރައްޔިތުން ޝަހީދު ކޮށްފަ އެވެ.

އިސްރާއީލުން އިއްޔެ ދޭންފެށި ހަމަލާތަކަށް ގާޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދާއި ހަމާސް ޖަމާއަތުން އަދި ރައްދު ހަމަލާދޭކަށް ނުފަށައެވެ. އެ ޖަމާއަތްތަކުން ބުނީ ކުއްލިއަކަށް އިސްރާއީލުން ދޭން ފެށި އެ ހަމަލާތަކާއި ގުޅިގެން ރައްޔިތުން އަދި ތިބީ ޝޮކެއްގައި ކަމުން މަޑުކޮށްލައިގެން ތިބީ ކަމަށާއި އެ ހަމަލާތަކަށް ރައްދު ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް