މެއި 6 ކޮމިޓީ: ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެއި 6 ކޮމިޓީން ބުނެފިއެވެ. އެމްޑީޕީގ...

06 Aug 2021 | 13:35

ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެއި 6 ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް އުފައްދާފައިވާ މެއި 6 ކޮމިޓީގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ހަމަލާގެތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި، ފަންޑުކުރި މީހުންނާ ހަމައަށް ވާސިލް ނުވަނީސް މިއީ ފުރިހަމަ ތަހުގީގެއް ކަމަށް އެއްވެސް ރައްޔިތެއް ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ބޮންޑޭގެ ވާހަކަތަކަށް ތާއިދުކޮށް ވާހަކަދައްކަވާފައެވެ. ވައްޑެ ވިދާޅުވީ ފައިސާގެ މުއާމަލާތެއް ނުހިނގާ މޭރުމުން ފުލުހުން ވާހަކަދެއްކެވުމުން އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހުމަދު ފާތިހަށް ހެއްކެއް ނެތުމުން ދައުވާނުކުރަން ނިންމާފައިވާ ނިންމުމަށް ވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. ފާތިހުގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ ދޫކޮށްލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދައުވާ ނުކޮށް ދޫކޮށްލާ ސަބަބު ސާފުކޮށްދިނުމަށް ބައެއް މެމްބަރުން ގޮވާލައްވާފައިވެއެވެ.

ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވާތީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުހުންނާ ބައްދަލުކޮށް ތަހުގީގު ކުރިއަށްދާ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަފީފު ވިދާޅުވީ ފައިސާގެ މުއާމަލާތް ހިންގާފައިވާ ގޮތް ބަލައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައި ނުވާ ކަމަށް ނުނިންމާ ކަމަށާއި، ރައްޔިތުން ގަބޫލުކުރާ ފަދަ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް