އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެ ކަމަށް މިއަދު ރާއްޖޭގައި އިއްވި ހުކުރު ޚުތުބާގައި ބުނެފިއެވެ.
އަދުގެ ޚުތުބާ ބިނާކޮށްފައި ވަނީ "ނަބަވީ ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި މައުޟޫއަށެވެ.
ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَމައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބިދީފައިވާ ފިލާވަޅުތަކާމެދު ވިސްނައި، އެ ފިލާވަޅުތަކުގެ ބޭނުން ހިފުމަށް ހުކުރު ޚުތުބާގައި ނަޞޭހަތްތެރިވިއެވެ.
ޚުތުބާގައި ބުނީ ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާފުޅާ މާނައެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ގުރްބާން ވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ މީހުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި، މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާއުގައި ގުރްބާން ކުރައްވާފައިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަންކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުން ކަމަށެވެ. އެގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ހަތަރުމަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވި ފެއްޓެވުމަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އަދި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ވެސް ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَމައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ވަނީ ކޯވިޑް-19ން ދިފާޢުވުމަށް ވެކްސިން ޖެހުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް