ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާ ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކޮށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ބިދޭސީ މަސައްކަތްތެރިންގެ މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި އެ ކުންފުނިން ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން އެ ކުންފުނިން މަސައްކަތް ކުރުވާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ހައްގުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް އެ ކުންފުނިން ނިގުޅައިގަނެފައިވާކަމަށްވެސް ޕީޖީ އޮފީހުން މައްސަލައިގައި ދައުވާ ކުރަން ނިންމައި އާންމު ކުރި ބަޔާނުގައިވެއެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން އާރުއައިއެކްސް ކުންފުނީގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށްވެސް މެމްބަރު ރިޒާ ހުރަސްއަޅާފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރިޒާގެ އިތުރުން، ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.
ހިއުމަން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޒާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި މިވަނީ މަޖިލިހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ވަރުގެ ދައުވާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް