އޮގަސްޓް 8ން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ފަށަން ނިންމައިފި

އޮގަސްޓު 8 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރު...

06 Aug 2021 | 06:17

އޮގަސްޓު 8 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ޢާއްމުކޮށް ހުޅުވައިގެން މަސައްކަތްކުރިކަމުގައިވީނަމަވެސް މަސައްކަތްކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށެވެ.

އަދި، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށާއި، ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރުމަށާއި، އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓް ކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒު ކުރުމުގެގޮތުން ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް