ފުވައްމުލަކު ސިޓީ އާންމު ހާލަތަށް ގެނެސްފި އެވެ.
އެ ސިޓީން ކޯވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮސިޓިވް ވެގެންނެވެ.
އެ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލީ ރޭގެ ވަގުތެއްގައި އެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް މުއްދަތުގައި500 އަށްވުރެ ގިނަ މީހުން ފުވައްމުލަކުން ޕޮސިޓިވްވެފައިވެ އެވެ.
އޭގެ ތެރެއިން އެކަކު މިމަހުގެ ތިން ވަނަ ދުވަހު ނިޔާވެފައިވެ އެވެ. ކޯވިޑްގެ ހާލަތު ގޯސްވެގެން މިދިޔަ މެއި މަހު ފަހުކޮޅު އެ ސިޓީގައި ކާފިއު ހިންގާފައިވެސް ވެއެވެ.
ފުވައްމުލައް ސިޓީގެ ޕަބްލިކް ހެލްތުން އާއްމު ކުރި މެސެޖެއްގައި ބުނެފައި ވަނީ އެ ސިޓީގެ މޮނިޓަރިންގ ހާލަތު މިވަގުތު އުވާލެވިފައިވީ ނަމަވެސް، ބަލިން ރަނގަޅު ނުވާ ފަރާތްތައް ތިބުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ގިނަގިނައިން އަތްދޮވުމާއި، ބޭރުތެރޭގައި އުޅޭ ވަގަތުތަކުގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަނަމަ ފްލޫ ކްލިނިކަށް ދެއްކުމާއި އަދި ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން އެހެން މީހުނާއި އެކަހެރިވެގެން އުޅުމަށް އަންގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް