އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި އެކު ބޭއްވި ބައްދަލުވުމުން ލިބުނީ އިތުރު މާޔޫސްކަމެއް ކަމަށް ކަޝްމީރުގެ ލީޑަރެއް ކަމަށްވާ މުޙައްމަދު ޔޫސުފް ތަރިގަމީ ވިދާޅު ވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ކުރީގެ ޕާލިމެންޓު މެމްބަރު އަދި މިހާރު އިންޑިއާއާއި ކަޝްމީރުގެ މައްސަލައިގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅެއް ކަމަށްވާ ތަރިގަމީ ވިދާޅުވީ ޖޫން މަހުގެ 24 ވަނަ ދުވަހު ނަރެންދުރަ މޯދީއާއިއެކު ކަޝްމީރުގެ މައްސަލައިގައި ބޭއްވި ބައްދަލުވުމުން ލިބިވަޑައިގަތީ މާޔޫސްކަމާއި ނުތަނަވަސްކަން ކަމަށެވެ.
ތަރިގަމީ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރު ސަރުކާރުން ދުސްތޫރީ މާއްދާތަކަށް ގެނައި ބަދަލުތަކުގެ އިތުރުން ވިޔަފާރީގެ ކަންކަމުގައި ގެންގުޅޭ ޚުދުމުޚްތާރު ގޮތުގެ ސަބަބުން ކަޝްމީރުގައި ދަނޑުވެރިކަމާއި އަތްތެރި މަސައްކަތް ހިމެނޭހެން ހުރިހާ ސިނާޢަތަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.މިކަމުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.މި ބަސްދީގަތުމުގައި ތަރިގަމީ ވަނީ ޖައްމޫ ކަޝްމީރަށް އިންޑިއާގެ އެހެނިހެން ހިސާބުތަކާއި ޚިލާފަށް 2 ފުރަބަންދެއް އިއުލާން ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މި ކަމުގެ ސަބަބުންވެސް އިޤްތިޞާދަށް ކުރިމަތިވެފައިވާ ގެއްލުންތައް އިތުރުވެފައިވާ ކަމަށް ތަރިގަމީ ވިދާޅުވެއެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއިއެކު ބޭއްވުނު މި ބައްދަލުވުމާއި ގުޅޭ ގޮތުން ތަރިގަމީ ވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި ހުރި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާ ކުރުމުގެ ފުރުސަތު މި ބައްދަލުވުމުގައި ލިބިފައިވާ ކަމަށެވެ. ޚާއްސަކޮށް 2019 ވަނަ އަހަރުގެ އޯގަސްޓު މަހު ސަރުކާރުން ނިންމި ނިންމުމުގައި ކަޝްމީރު ރައްޔިތުންގެ އިތުރުން އެހެން އިންޑިއާ ރައްޔިތެއްގެވެސް މަސްލަޙަތު ނުހިމެނޭކަން މޯދީއަށް ދަންނަވާފައިވާ ކަމަށްވެސް ތަރިގަމީ ވިދާޅުވެފައި ވެއެވެ.
ނަމަވެސް މި ބައްދަލުވުމަށް ފަހު، އަދި މިހާތަނަށް ސަރުކާރުން އެއްވެސް ޚަބަރެއް ވެފައި ނުވާކަމަށް ވިދާޅުވެ ތަރިގަމީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ބައްދަލުވުުމުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު އެދެވޭ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް ކުރިން ޤަބޫލު ކުރެވިފައި ވީ ނަމަވެސް، އެފަދަ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނުވާތީ ބައްދަލުވުމަށް ފަހު ލިބިވަޑައިގަތީ ކުރިއަށް ވުރެ ބޮޑު މާޔޫސް ކަމެއް ކަމަށް ތަރިގަމީ ވިދާޅު ވެއެވެ.
ބޮޑު ވަޒީރު މޯދީއާއިއެކު ބައްދަލުވުމަށް ދައުވަތު އަރުވާފައި ވަނީ ހަމައެކަނި އިންޑިއާއަށް ވާގިވެރިވާ ކަޝްމީރު ލީޑަރުންނަށްކަން ފާހަގަ ކޮށްލެވެއެވެ.އިންޑިއާއިން ކަޝްމީރު ވަކި ކުރުމަށް ވަކާލާތު ކުރާ ގިނަ ބަޔަކު ކަޝްމީރުގައި ތިބި ނަމަވެސް މި ގުރޫޕްތަކުގެ އެއްވެސް ލީޑަރަކަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެއް ނުވެއެވެ.ތަރިގަމީ ވިދާޅުވީ އެއީ ސަރުކާރުގެ ނިންމުމެއް ކަމަށާއި، އެހެން ގުރޫޕުތަށްވެސް ހިމެނޭހެން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ނަމަވެސް މިފަދަ ބައްދަލުވުންތަކުން ރައްޔިތުންނަށް ލާބަވާނެފަދަ ނިންމުންތައް ފެންނަން ޖެހޭނެ ކަަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ތަރިގަމީ ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ އޯގަސްޓުމަހު އިންޑިއާގެ ސަރުކާރުން އަޅާފައިވާ ކުއްލި ފިޔަވަޅުތަކެއްގެ ސަބަބުން ކަޝްމީރުގެ ގިނަ ބަޔަކަށް ވަނީ ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައެވެ. އެފަހަރު އިންޑިއާ ސަރުކާރުން ވަނީ 2 ފެޑެރަލް ސަރުކާރަށް ނިސްބަތްވާ ގޮތަށް ކަޝްމީރު 2 ބަޔަކަށް ބަހާލާފައެވެ.
އަދި މަސްތަކަކަށް ދެމިގެން ދިޔަ ސެކިއުރިޓީ ޝަޓް ޑައުންއެއްގައި ކަޝްމީރު އެއްކޮށް ބަންދު ކޮށްލައި، ސަތޭކައަށް ވުރެ ގިނަ މީހުން ޖަލަށް ލާފައި ވެއެވެ. މީގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ހިމެނެއެވެ.
މިއާއިއެކު، މުސްލިމުންގެ އާބާދީ އޮންނަ ކަޝްމީރުގައި ސަރުކާރުގެ ނުފޫޒު އިތުރު ކުރުމަށްޓަކައި މޯދީގެ ސަރުކާރުން ވަނީ އާންމުންގެ ގިނަ ޙައްޤުތަކެއް ހަނި ކުރުމަށް ގިނަ ޤާނޫންތަކެއްވެސް އުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް