ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލު ހުސައިން ހުމާމް މާފުށީ ޖަލުގައި ހުއްޓަ ނެރެގެން ރިސޯޓަކަށް ގެންގޮސް ދައުލަތުގެ ވެރިއަކު އޭނާ އާއި ބައްދަލު ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމްއަށް މެންބަރުންތަކެއް ގުޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ހުމާން ޖަލުން ނެރެގެން ގެންދިޔަ ކަމަށް ޖަލުގެ ދެ ގާޑުންގެ ތެރެއިން އެކަކު ފުލުހުންނަށް ހެކި ބަސްދީފައިވާ ކަމަށެވެ.
އެއީ ކޮން ފެންވަރެއްގެ މަގާމެއްގައި ހުންނެވި ބޭފުޅެއްކަން ހާމަނުކުރައްވާ ރައީސް ވިދާޅުވީ އެއީ ކުރީގެ ދައުލަތުގެ އިސްވެރިއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ އެވަރުގެ އިސް ބޭފުޅަކު ގައިދީއަކު ބަންދުގައި ހުއްޓައި ގަވާއިދާ ހިލާފަށް އޭނަ ނެރެގެން ބައްދަލުކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެ އޮފިސަރުގެ ބަޔާން ނަގައި އެކަން ތަހުގީގު ކުރަން އެންގީ ރައީސް ޔާމީނަށް އެކަން އެނގިވަޑައިގެން ހިސާބުން އެމަނިކުފާނު ކަމަށެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގެ ޝަރީއަތެއްގައި ހުމާމް ވަނީ އެކަމުގެ ހަގީގަތް އެނގިވަޑައިގެންނަވާނީ ރައީސް އަބްދުﷲ ޔާމީނަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކަމަށް ބުނެފައި އެވެ.
މިއަދުގެ ރަސްމިއްޔާޓުގައި ރައީސް ވަނީ މި ސަރުކާޜުން މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައި އެވެ. އަދި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް