ޑިމޮކްރަސީއިން ލިބޭނެ އެއްވެސް އަމާންކަމެއް ނޯންނާނެ: ޝައިޚް މުޖްތަބާ

މުޖްތަމަޢުގައި އަމާންކަން ފެތުރިގެން ދާނީ ﷲ ގެ ޝަރީޢަތް ޤާއިމުކޮށްގެން ކަމަށާއި ހުޅަނގުން ފަތުރާ ޑިމޮކްރަސީ ގެ ނިޒާމުން ލިބޭނެ އެއްވެސް އަމާންކަމެއް ނޯންނާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގ...

06 Aug 2017 | 07:49

މުޖްތަމަޢުގައި އަމާންކަން ފެތުރިގެން ދާނީ ﷲ ގެ ޝަރީޢަތް ޤާއިމުކޮށްގެން ކަމަށާއި ހުޅަނގުން ފަތުރާ ޑިމޮކްރަސީ ގެ ނިޒާމުން ލިބޭނެ އެއްވެސް އަމާންކަމެއް ނޯންނާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

ސަންޓީވީ އިން ރޭ ފޮނުވި 'ސުވާލަކީ ކޮބާ' ޕްރޮގްރާމުގައި ކުރިމަތިވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް މުޖްތަބާ ވިދާޅުވީ މުޖްތަމަޢުތައް މިއަދު ހަލާކުވެފައިވަނީ ޑިމޮކްރަސީފަދަ ފާޑުފާޑުގެ ވަޟުޢީ ނިޒާމުތައް ހިންގާތީ ކަމަށާއި އަމާންކަން ބޭނުމިއްޔާ ﷲ ގެ ޝަރީޢަތް ޤާއިމުކުރުން ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.

"އަޅުގަނޑު ޗެލެންޖުކޮށްފަ މިބުނަނީ ޑިމޮކްރަސީއަކުން އިންސާނުންނަކަށް ހަމަޖެހުމެއް ނުގެނެވޭނެ. އެ ޑިމޮކްރަސީގެ ތާރީޚަށް ބަލާލިޔަސް އަޅުގަނޑުމެންނަކަށް ނެތް އެކަން ފެންނާކަށްވެސް. ތިބޭފުޅުން ބައްލަވާ ވިލާތުގެ ޤައުމުތަކަށް މިހާރު. ކޮން އަމާންކަމެއްތޯ ހުރީ އެމީހުންގެ ތެރޭގަ. އިންސާނުންނަށް އެއުޅެނީ އެތަންތާނގަ ހިތްހަމަޖެހިގެން އަމާންކަމާއެކީ ދިރިނޫޅެވިގެން. ކޮންމެ ދުވަހަކު ކަތި ލުމާއި ބަޑިޖެހުން އެއޮތީ ޢާއްމުވެފަ. ޢާއްމުކޮށް އަޅުގަނޑުމެންނަށް އިވޭ ޚަބަރަކީ ކޮންމެވެސް ޕާކެއްގެތެރެއަށް މީހަކުވަދެ ބަޑި ޖެހި ވާހަކަ ނުވަތަ ކޮންމެވެސް ޢާއްމު ތަނަކަށް މީހަކު ބަޑި ޖެހި ވާހަކަ. ކޮން އަމާންކަމެއްތޯ އެމީހުންގެ ތެރޭގަ އޮތީ؟" ޝައިޚް ސުވާލުކުރެއްވިއެވެ.

ޑިމޮކްރަސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އައްޝައިޚް މުޖްތަބާ އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް އެއްބައިވެގެން ޑިމޮކްރަސީގެ ނަމުގައި މިއަދު ވަރަށްގިނަ އިސްލާމީ ޤައުމުތައް ހަލާކުކޮށްލާފައިވަނީ ޢަދުލު އިންސާފު ލިބޭނީ ޑިމޮކްރަސީއިންކަމުގައި ބުނެއެވެ. އަދި ހުޅަނގުން އެކަން ކޮށްފައިވަނީ މުސްލިމް ޤައުމުތަކުގައި އިސްލާމީ ފޭރާމުގައި ތިބި ބައެއް ޚާއިނުންނާއި ގުޅިގެންކަމަށެވެ.

"ތިކިޔާ ޑިމޮކްރަސީގެ ނަމުގައެއްނޫންތޯ އެމެރިކާއާއި އެމީހުންނަށް ވާގިވެރިވާ ޤައުމުތައް އެއްބައިވެގެން އިސްލާމީ ޤައުމުތަކަށް އަރާ ހާހުން ހާހުން މުސްލިމުން މަރަނީވެސް. މުސްލިމް އަންހެނުންގެ ޢިއްފަތްފޭރިގަންނަނީވެސް. އެތައް ކުޑަކުދިންނެއް ޔަތީމު ކޮށްލަނީވެސް. ބައްލަވާ މިއަދު ކިތައް މުސްލިމް ޤައުމުތައްތޯ އެއޮތީ ހަމަ އެއްކޮށް ފުނޑާލާފަ. ހަމަ ތިޔަ ޑިމޮކްރަސީގެ ނަމުގައެއްނޫންތޯ މި ޖަރީމާތައް ހިންގަމުން އެދަނީ. މިކަންތައްތަކަކީ އަޅުގަނޑު ނުދެންނެވިޔަސް މިއަދުވެސް ލޯމައްޗަށް ފެންނަން އޮތް މަންޒަރެއް" ޝައިޚް ވިދާޅުވިއެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ މުޖްތަމަޢުއަށް ހަމަޖެހުން އަންނާނީ ﷲ ގެ ޝަރީޢަތް ބަރާބަރަށް ތަންފީޒުކޮށްގެންކަމަށާއި އެކަން އިސްލާމީ ތާރީޚުން ފެންނަން އެބައޮތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް