އެއްވެސް ހެއްކެތް ގަރީނާއެއް ނެތި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮލުގައި ގައުމުގެ އަމާންކަން ނަގާލުމުގެ އިލްޒާމް އަޅުވަނީ ސަރުކާރުގެ ވެރިން ޒިންމާއިން ރެކެން ވެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެފައި މިވަނީ ވޭތުވެދި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިނގި މާރާމާރީތަކަކީ ކުރީގެ ރައީސް މައުމޫން ވެރިކަމުގެ ދަހިވެތި ކަމުގެ ހިންގަވާ އަމަލުތަކެއް ގޮތުގައި ސިފަވާގޮތަށް ފިޝަރީޒް މީނިސްޓަރު މުހައްމަދު ޝައިނީ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާތީ އެވެ.
ކުރީގެ ރައީސް މައުމޫންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މާރާމާރީތައް ހުއްޓުވުއި ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދިނުމުގެ ޒިންމާއިން ރެކިވަޑައިގެން އިދިކޮޅު ސިޔާސީ ލީޑަރުގެ ބޮލުގައި އެކަން އަޅުވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. އެބަޔާނުގައި މައުމޫން ވަނީ ސަލާމަތީ ހިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކުރުމާއި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހުއްޓުވުމުގެ ބަދަލުގައި، މާރާމާރީތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމް ކޮށްދޭން އިސްކަން ދިނުމަށް ގޮވާލައްވާފައި އެވެ.
މައުމޫން ވަނީ ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން އިންޓެލް ރިޕޯޓު ހަދާއިރު މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ އިންޓެލެޖެންސްއަށް މައުލޫމާތު ނުލިބޭތީ ސުވާލު ކުރައްވާފައި އެވެ. އަދި އެކަން ނުހުއްޓުވޭ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެކަމުގެ ޒިންމާ ނެންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރާވައިގެން ހިންގާ މާރާމާރީތައް ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދެނީ ސިޔާސީ ފަރާތްތައް ފަހައި ދުވެ، އެ މީހުންނަށް އަދަބު ދޭން ކަަމަށެވެ. އަދި ސިލްސިލާ މާރާމާރީތަކުގައި ދެ މީހުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފިޔަވަޅު އަޅާފައި ނުވުމަކީ އަމާކަން ގާއިމް ކޮށްދިނުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަން ސާބިތު ކޮށްދޭ އަލިގަދަ ހެއްކެއް ކަަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް