ގާސިމްގެ ހާލުބޮޑުވެ އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ބޮޑުވެ އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ. ހިތުގެ ބައްޔަށް ދިގު މުއްދަތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ...

06 Aug 2017 | 06:10

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ބޮޑުވެ އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ހިތުގެ ބައްޔަށް ދިގު މުއްދަތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމްގެ ހާލު ސީރިއަސް ވެގެން މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއެއްހާ ދުވަހު އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައި ވެ އެވެ. އެންމެ ފުރަތަމަ އެ ދުވަހު އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގައި އެވެ. ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ އެރޭ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ދިޔަ ފަހުން ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަހްމަދު ސަމީރު ވިދާޅުވީ އިއްޔެ އިން ފެށިގެން ގާސިމްގެ ހާލު ދަށްވަމުން ގޮސް، މިއަދު ހެނދުނު އެޑްމިޓްކުރީ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ކަމަށެވެ.

"ބޮލަށް އެނބުރުން އަރައިގެން، ވެއްޓޭވަރު ވީމަ ހޮސްޕިޓަލަށް ވަޑައިގަތީ ވެސް. އެ މަނިކުފާނުގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ނުދެވި، ހާލު ދުވަހެއް ދުވަހަކަށް ދަށްވަމުން މިދަނީ،" ސަމީރު ވިދާޅުވި އެވެ.

ގާސިމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި އެތައް ފަހަރަކު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ކްރިމިނަލް ކޯޓުގައި އެދެމުންނެވެ.  އަދި ގާސިމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ޕާސްޕޯޓު ލިބޭނެ ގޮތް ހަދައި ދިނުމަށް އެދިފައި އެވެ.

އިއްޔެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި އޮންނަ ގާސިމްގެ ކޮންމެ ޝަރީއަތެއްގައި ގާސިމްގެ ހާލަތު ބަޔާންކޮށް، ޕާސްޕޯޓު ދޫކޮށްދިނުމަށް އެދެމުންދާ ކަމަށެވެ. އަދި ގާޒީގެ އެދިވަޑައިގެންނެވުމަށް މިހާރު ޑޮކްޓަރުގެ ލިޔު ންތައްވެސް ކޯޓާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ގާސިމް އެޑްމިޓްކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދެއްވުމުގެ ތުހުމަތުގެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 10:30 އަށް އޮތީ ތާވަލު ކުރެވިފައި އެވެ. ފަހުން ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް