ރޭ މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުސް ކޮންސްޓަބަލް އަލީ ރައްޒާން ގަޔަށް ވަޅި ހެރި އަޒުހަރު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލައިގަ ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާ ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ. އެ މައްސަލައިގަ ދެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި އެވެ.
އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ މީހަކާއި 32 އަހަރުގެ ދެ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖާއެވެ. އެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމީ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެކަން ހުއްޓުވުމަށް ހިންގި އިޮަރޭޝަންގެ ތެރޭގަ އެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހަމަލާދީފައިވަނީ ރައްޒާންގެ ވާތް ފަރާތު، ކުރިމަތިން ކޮނޑާ ދިމާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް