މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާ އެކު ބ.ދޮންފަނުން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު މީހަކު ބ.ދޮންފަނުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ  25 އަހަ...

06 Aug 2015 | 09:28

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު މީހަކު ބ.ދޮންފަނުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ  25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޕޮލިސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2015 އޮގަސްޓް 05 ހެނދުނު  07:15 ހާއިރު ދޮންފަނު ބަނދަރު މަތިން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވަނީ މިމީހާ ބަނދަރުމަތިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް  ބ.މާޅޮސް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް  07  ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި މައްސަލަ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުޤީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް