ދިވެހިންނަށް ރާއްޖެއިން ބިން ހުސްނުވާ ކަމަށާއި، ފަސްފަޅު ހިއްކައިގެން ވެސް މިހާރު އޮތް ހުޅުމާލޭގެ 32 ހުޅުމާލެ އުފެއްދިދާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޓަޝަރީ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބިދޭސީންނަށް ބިން މިލްުކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް ދިވެހިން އުޅޭނެ ބިން ނެތް ކަމަށް ބުނެ ފާޑު ކިޔަމުންދާއިރު އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ޖުމްލަ 500 މިލިޔަނެއްހާ ޑޮލަރަށް 32 ހުޅުމާލެ ޝޯ ޕްރޮޓެކްޝަނާއެކު އުފެއްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ދެވަނަ ފިޔަވައްސާއެކު 428 ހެކްޓަރުގެ ބިން ހުޅުމާލޭގައި އުފެއްދިފައިވާއިރު ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ހުޅުމާލޭގައި އާބާދު ކުރެވޭނެ ކަމަށެވެ.
މިއަދު ބިންގާ އަޅުއްވައިދެއްވި ހޮސްޕިޓަލަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަމިއްލަ ފަރާތްތަކުން ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ސަރުކާރަށް ވެސް ގޯސްކޮށް ކަންކަން ކުރެވިދާނެ ކަމަށާއި، ނަމަވެސް ތަރައްގީއަށްޓަކާ ކަންކަން ނިންމުމުގެ ކެރުން ހުންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް