ފުލުހުންނަށް ދެވޭ މިނިވަން ފާންސާހުގެ މެޑަލް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަދިޔާކުރައްވައިފި

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައްޔިތުންގެ ޖަލީހުގެ ރައީސް ޢަބްދުﷲ މަސީހު އަށް ހަދިޔާކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މި މެޑަލް ހަދިޔާކުރެއްވީ މިކަމަށް...

06 Aug 2015 | 07:07

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައްޔިތުންގެ ޖަލީހުގެ ރައީސް ޢަބްދުﷲ މަސީހު އަށް ހަދިޔާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މި މެޑަލް ހަދިޔާކުރެއްވީ މިކަމަށްޓަކައި މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ރައްޔިތުން މަޖިލިސްގެ އަމީން އާއްމު އަޙްމަދު މުޙައްމަދު އާއި ރައްޔިތުން މަޖިލިސް ގެ އިސްބައެއް ވެރިން ބައިވެރިވެލެއްވިއެވެ.

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މި މެޑަލް ރައީސުލް ޖުމްހޫރިޔާ އާއި ރައިސުލް ޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ވެސް ވަނީ ހަދިޔާކުރައްވާފައެވެ.

މިނިވަން 50 ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލްއެކެވެ. “މިނިވަން ފަންސާސް މެޑަލް” ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

އެގޮތުން 2015 ޖުލައި 26 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހުކަށް މި މެޑަލް ދިނުމަށް ނިންމައި، “މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ” ޤަވާއިދަށް އިސްލާހު ގެނެވި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް