ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ފައިސާއާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތުތަކަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ދެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 37 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އޭނާ އުޅެމުންދާ ގެއިންކަމަށެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓެއްގެ އިތުރުން -/29000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
41 އަހަރުގެ މީހާއާއި 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީވެސް އޮގަސްޓް މަހުގެ 4 ވަނަ ދުވަހު 13:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން އުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މަސްތުވާތަކެތީގެ މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް