ތައިލެންޑުގެ އުތުރުގެ ސަރަހައްދެއްގައި އުމުރުން އެންމެ އަށް އަހަރުގެ ކުޑަކުއްޖަކު މަސްތުވާތަކެތީގެ ކިއްލާއަކުން ސަލާމަތްކޮށްފިއެވެ. މި ކުއްޖާ ދިރިއުޅެމުން ދިޔައީ ނިކަމެތި ހާލުގައި، ހަ ކުއްތާއާއެކު، އިންސާނީ މުޢާމަލާތުން އެކަހެރިކޮށެވެ. އެކުއްޖާ މުޢާމަލާތުކުރަމުން ދިޔައީ ހަމައެކަނި ކުއްތާއެއް ގޮތަށް "އަޑު އަޑު" އިއްވައިގެންނެވެ.
އެ ކުއްޖާ ފެނިފައިވަނީ އުއްތަރަދިތް ޕްރޮވިންސްގެ ލަޕް ލާއޭ ޑިސްޓްރިކްޓުގައި ކުރެވުނު ވެލްފެއަރ ޗެކެއްގައެވެ. އެ ކުއްޖާ ދިރިއުޅެމުން ދިޔައީ 46 އަހަރުގެ މަންމައާއި 23 އަހަރުގެ ބޭބެއާ އެކުގައެވެ. މި ދެމީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެކެވެ.
ސަރުކާރުން ތަޢުލީމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، އެ ކުއްޖާ ސްކޫލަށް ފޮނުވާފައެއް ނުވެއެވެ. އަވަށްޓެރިންގެ ބަހުން އެނގޭ ގޮތުގައި، އެ ކުއްޖާ ބަލަހައްޓަމުން ގެންދިޔައީ އޭނާގެ އާއިލާއާއި ކުއްތާތައް ފިޔަވައި އެހެން އިންސާނުންނާ ބައްދަލުނުވާ ގޮތަށް، އެކަހެރިކޮށެވެ.
އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވި ކުޑަކުދިންގެ ޖަމްޢިއްޔާއެއްގެ އިސްވެރިޔާ ޕަވީނާ ހޮންގްސަކުލް ވިދާޅުވީ ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، "މި ކުއްޖާ ވާހަކައެއް ނުދައްކާ. ހަމައެކަނި ކުއްތާއެއް ގޮތަށް އެ ފަދަ އަޑުތައް (ވައްވައް) އެކަނި އިއްވަނީ."
މިހާރު އެ ކުއްޖާ ވަނީ ރައްކާތެރިކަމުގެ ދަށަށް ގެންގޮސްފައެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާއަށް ދިގު މުއްދަތަކަށް އެހީތެރިކަމާއި، ތަޢުލީމާއި، ޞިއްޙީ ފަރުވާ ސަރުކާރުން ހަމަޖައްސަދޭނެއެވެ. ހޮންގްސަކުލް ވިދާޅުވީ، "އަޅުގަނޑުމެން މި ކުއްޖާއަށް ރަނގަޅު ދިރިއުޅުމެއް ލިބުމުގެ ފުރުޞަތު ހޯދައިދޭނަން."
އެ ކުއްޖާގެ މަންމައަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާ އުފުލިފައިވެއެވެ. މި ހާދިސާގެ ސަބަބުން ތައިލެންޑުގެ ރަށްފުށުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ކުޑަކުދިންނަށް އިހުމާލުވުމާ ގުޅޭ ކަންބޮޑުވުންތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް