އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ބޭރުން ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު 6،000 އިން 10،000 ހާހަށް ބޮޑުވެއްޖެ

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދަތުރުވެރިން ރާއްޖެއަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާހަށް ވަނީ ...

06 Jul 2024 | 15:25

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދަތުރުވެރިން ރާއްޖެއަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާހަށް ވަނީ ޢަމަލުކުރަން ފެށިފައެވެ.

މި ގެނެވުނު އިސްލާހުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިޚްތިޔާރުގެ ދަށުން، ދަތުރުވެރިންނާ އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އެލަވަންސް ހަ ހާސް ރުފިޔާއިން 10 ހާސް ރުފިޔާއަށްވަނީ ބޮޑުކުރެވިފައެވެ. މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށެވެ.

ކަސްޓަމްސްއިން ފާހަގަކުރާގޮތުގައި މި ބަދަލާއިއެކު ދަތުރުވެރިންނާ އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10،000 (ދިހަ ހާސް) ރުފިޔާ އަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10،000 (ދިހަ ހާސް) ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެއެވެ. އަދި، އެފަދައިން ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 10،000 (ދިހަ ހާސް) ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ.

މުދަލުގެ އަގު 10،000 (ދިހަހާސް) ރުފިޔާއަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ  ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެކަމުގައި ކަސްޓަމްސްއިން ފާހަގަކުރެއެވެ.

ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

މިގޮތުން 2024 ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލެވިފައިވާ ތަކެއްޗަކީ:

ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެތި

  • އެނާޖީ ޑްރިންކް
  • މޮޓޯސައިކަލާއި އޮޓޯސައިކަލް
  • އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުފަހަރު
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު
  • އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއަރޕާޓްސް

މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން 2024 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެކަމުގައި ކަސްޓަމްސްއިން ބުނެއެވެ.

އަދި، ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެކަންވެސް ކަސްޓަމްސްއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް