މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު، މިއީ ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް: ޝިފާން

ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވާކަމަށާއި، އެއީ ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ފުލުހުންގެ އެސިސްޓެންޓް  ކޮމިޝަނަރ  އަހުމަދު ޝިފާން ވިދާޅު...

06 Jul 2024 | 07:10

ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވާކަމަށާއި، އެއީ ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ފުލުހުންގެ އެސިސްޓެންޓް  ކޮމިޝަނަރ  އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އާއްމުކޮށްފައިވާ މިއަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެމަހުތެރޭ އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން އެމަހުތެރޭ ވައްކަމުގެ 315 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި ފޭރުމުގެ 29 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިގޮތުން މިއަހަރުގެ މޭ މަހު ފުލުހުންނަށް ވައްކަމުގެ 335 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ފޭރުމުގެ 50 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހުގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވެފައިވާކަން ފާހަގަކޮށް ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޖޫން މަހު ތެރޭ ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދައްވެފައި ވާ ކަމީ، ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

ޖޫން މަހުގެ ވައްކަމާއި ފޭރުމުގެ މައްސަލަ ދަށްވެފައި ވީނަމަވެސް އެހެން ކުށް ތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށް ޝިފާން ފާހަގަ ކުރައްވާފައިވެއެވެ.

ޖޫން މަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 212 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ 175 މައްސަލަ ހުށަހަޅާފައިވެއެވެ.

ކުށް ކުރުން މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ކައުންސިލްތަކާ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގްރާމްތަށް ހިންގައި، އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް ފުލުހުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް