ރ.އަތޮޅު އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ ފެރީ ލޯންޗެއްގެ ބެޓެރި ގޮވައި ހިނގި ހާދިސާގައި އަނިޔާ ލިބުނު މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފިއެވެ.
މާލެ އަތޮޅު އެރިޔަދޫ ރިސޯޓް ކައިރިން އެ ލޯންޗަށް ހާދިސާއެއް ދިމާވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:00 ހާއިރެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް "ހާބަރ ކްރާފް" ލޯންޗެއް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް، "ކްރިސްޓަލް ސްޕީޑް" ލޯންޗުން ވަނީ މަޑުމަޑުން އެރިޔަދޫ ރިސޯޓަށްވަދެ އަނިޔާވި މީހުން އަވަސް ފަރުވާއަށް އެރިޔަދޫ ރިސޯޓަށް ބާލާފައެވެ.
އަދި އެ ރިސޯޓުން އެމީހުންނަށް ފަރުވާދީފައިވެއެވެ.
ކޯސްޓްގާޑްގެ އުޅަނދު، 17:07 ހާއިރު އެ ރިސޯޓަށް ގޮސް، މި ހާދިސާގައި އަނިޔާވި ހަތް މީހަކު ވަނީ ރޭ އިތުރު ފަރުވާއަށް މާލެއަށް ގެނެސްދީފައެވެ.
ޖުމުލަ 39 މީހުން ދަތުރުކުރި މި ލޯންޗުގައި ހިނގި ހާދިސާގައި އެކިވަރުގެ އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އަށް މީހަކަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
"މި ހާދިސާ ހިނގަން މެދުވެރިވީ ބެޓެރިއެއް ގޮވުމުންކަމަށް ލަފާކުރެވޭކަމަށް ކެޕްޓަން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވޭ" އެމްއެންޑީއެފްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް