ގިނަ ބަޔަކު އަޅައިގަނެފައިވާ "އެ ލޯގޯ"

ދައްކަން މިއުޅެނީ ފާތިމަތު ނަހުލާ ޑައިރެކްޓް ކުރި ފިލްމެއްގެ ވާހަކައެއް ނޫނެވެ. އަދި ބިންމާ އިބްރާހިމް ވަހީދު ލިޔެ ޝާއިއު ކުރި ލޯބީގެ ވާހަކައެއްވެސް ނޫނެވެ. މިއީ ރޭ "ދަ ޑިމޮކްރެޓްސް" އިން އާއްމުކުރި އ...

06 Jul 2023 | 08:04

ދައްކަން މިއުޅެނީ ފާތިމަތު ނަހުލާ ޑައިރެކްޓް ކުރި ފިލްމެއްގެ ވާހަކައެއް ނޫނެވެ. އަދި ބިންމާ އިބްރާހިމް ވަހީދު ލިޔެ ޝާއިއު ކުރި ލޯބީގެ ވާހަކައެއްވެސް ނޫނެވެ. މިއީ ރޭ "ދަ ޑިމޮކްރެޓްސް" އިން އާއްމުކުރި އެމީހުންގެ "އެ ލޯގޯ"އެވެ.

މިއަދު ހެނދުނު ޓުވިޓަރ ފަޅު ފިލުވައިދިނީ "އެ ލޯގޯ"އެވެ. އެއް ބަޔަކަށް ކަމުގޮސްގެން ރީތި ވެގެންނެވެ. އަނެއް ބަޔަކަށް ކަމު ނުގޮސްގެން މަލާމާތް ކުރުމުގައެވެ.

ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި، ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދާ، ކުލައާއި ލޯގޯ ވަނީ ފާސްކޮށްފައެވެ.

އެގޮތުން ޑިމޮކްރެޓްސްގެ ކުލައަކަށް ހަމަޖެހުނީ “ބޭބީ ބްލޫ” ނުވަތަ މަޑު ނޫ ކުލައެވެ. ލޯގޯއަކީ ‘އެސްޓްރިކް’އެވެ. ޑިމޮކްރެޓްސްއިން ބުނީ އޭގެން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކައާއި މާމެލާމެލި ކަމަށެވެ. އަދި އެއީ ކުރަހަން ފަސޭހަ، އެކި ކަންކަމަށް ބޭނުންކުރަން ފަސޭހަ، މާނަވީ ނިޝާނެއް ކަމަށެވެ.

ޑިމޮކްރެޓްސްގެ ލޯގޯއަށް ކޮމެންޓުކުރި އެކަކު ބުނެފައި ވަނީ، އެ ލޯގޯ އޭނާއަސް ސިފަވަނީ އަށްފައި ލީ ނޫ ބޯވައެއް ގޮތަށެވެ. އެހެންމީހަކު، ދަތްކޮއްޓާ އިލޮށިން އެ ލޯގޯ ހަދައި، ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. އެއީ "ސޮލީބެއް" ހޭ އެކަކު އަހާފައި ވާއިރު، "ތިމަންނާއަށް ވައްތަރީ ސްނޯފްލޭކް" އަކާއޭވެސް މީހަކު ބުނެފައިވެއެވެ.

https://twitter.com/al_shuja/status/1676770059489017856?t=QeTtltf8TBQ0NB7aSBOiqw&s=35

އެ ލޯގޯއަށް ފާޑުކީ އެއް ބަޔަކު ބުނީ، ލޯގޯ މާ އާދައިގެ ގޮތަކަށް ހަދާފައި ހުރީ ކަމަށެވެ. ނަމަވެސް އެއީ ކުރަހާށާއި އެކި ކަންކަމަށް ބޭނުންކުރަން ފަސޭހަ ގޮތަކަށް ފަރުމާ ކޮށްފައިވާ ލޯގޯއެއް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

https://twitter.com/aisherth/status/1676815466948329474?t=1rjxbmo7Chkk3RCDx2IJPA&s=35

ކޮންމެއަކަސް މީގެން އެއްވެސް މަލާމާތަކަށް ޑިމޮކްރެޓްސްގެ މެމްބަރުން "ކަހާތަން ހިރުވާވެސް" ނުލައެވެ. އެވެރިން ފޯރިއާއެކު ލޯގޯ ޕޯސްޓުކުރަމުން ދަނީ ފަޚުރުވެރިކަމާއެކުގައެވެ. އެމީހުންގެ ޓުވިޓަރގެ ނަމުގެ ފަހަތުގައްޔާއި ކުރާ ޓުވީޓުތަކުގެ ނިމޭތާނގައި ނޫ ހިތަކާއި ހުދު "ސްނޯފްލޭކްސް" އެއް ލަމުން، އެމީހުންގެ ހިތުގައި ޑިމޮކްރެޓްސްއަށް އޮތް ސަޕޯޓު ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް