ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކު އެއާޕޯޓް ބާރުބޮޑުވާނެތީ އިތުރު ފުލުހުން ހަރަކާތްތެރިވާނެ

ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކު ވެލާނާ އިންޓަބޭޝަނަލް އެއާޕޯޓް ބާރުބޮޑުވާނެތީ، އެއާޕޯޓުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ހައްޖުވެރިން ރާއްޖެ އަންނަނ...

06 Jul 2023 | 05:42

ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކު ވެލާނާ އިންޓަބޭޝަނަލް އެއާޕޯޓް ބާރުބޮޑުވާނެތީ، އެއާޕޯޓުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މާދަމާއެވެ.

"މި އަހަރު ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ. ޖުލައި 7، 10 އަދި 14 ގައި، ކޮންމެ ދުވަހަކު 13:50 ގައި ގިނަ އަދަދެއްގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވޭ" ފުލުހުން ބުންޏެވެ.

އެހެންކަމުން، އޮމާންކަމާއެކު ޓްރެފިކް ފޮލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށާއި އެއާޕޯޓުން ހިދުމަތް ހޯދާ އެންމެހައި ފަރާތްތައް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އެދުނެވެ.

ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ހުކުރު ދުވަހު، އެންމެ ފުރަތަމަ 2 ފްލައިޓް ގައި އަންނަން ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. އަދި ހޯމަ ދުވަހު 3 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.

މީގެ އިތުރަށް ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންނެވެ. އަދި ދިވެހި ޖުލައި 12 ވަނަ ދުވަހު އޮންނަ 5 ވަނަ ފްލައިޓުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންން އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ޖުލައި 14 ގައި އޮންނަ އެންމެ ފަހު ފްލައިޓުގައި އަންނަން ހަމަޖެހިފައިވަނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.

މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް