ރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެމީހުން ހައްޔަރުކުރީ ފުލުހުންނަށް އަތު ނުވާން ކާރެއްގައި ދުއްވާފައިދަނިކޮށް ފުލުހުންގެ ވެހިކަލްތައް އެ ކާރުގެ ފަހަތުން ފަހާ ދުއްވައި ގިނަ އިރުތަކެއް ވަންދެން ދުއްވި ފަހުންނެވެ.
އެގޮތުން އެ ކާރުގެ ފަހަތުން ފުލުހުން ދުއްވަން ފެށީ ހުޅުމާލެއިން އައިސް ބުރިޖުން މާލެއަށް ފޭބި ހަމައިންނެވެ. އެއަށްފަހު އެ ކާރު ބާރު ސްޕީޑްގައި ބޮޑުތަކުރުފާނު މަގުން ގޮސް ޗާންދަނީ މަގަށް ލަނބާލައި ސީގަލް އާއި ހަމައަށް ދުއްވާފައި ދިޔައެވެ.
ފުލުހުންގެ ކާރަށް އެ ކާރު އަތުވީ އެ ހިސާބުންނެވެ.
މަންޒަރު ދުއް ބައެއް މީހުން ބުނާގޮތުގައި އެ ކާރު ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔައީވެސް އެ ކާރުގެ ކަނާތް ފަރާތުގެ ކުރީ ފުރޮޅު ފެޅިފައިވާ ހާލުގައެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑު ނުކޮށް ގޮސް އެމީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލައިލިއެވެ. އެ ކޮތަޅު ބަލާ ފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ދެ ޒުވާނަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
https://twitter.com/dhuvasmv/status/1676680813986070538
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް