ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ބައެއް މެމްބަރުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.
ނަޝީދު އެހެން ވިދާޅުވީ ރޭ ބޭއްވި “ދަ ޑިމޮކްރެޓްސް” އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
“އަޅުގަނޑަށް ފެންނަ ފެނުމުގާ، މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތި ނުލާ، އަޅުގަނޑުމެން ދެމީހުން އެކުގާ ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭގޮތް އަޅުގަނޑުމެން ހޯދާދޭންވީ” ނަޝީދު ވިދާޅުވިއެވެ.
އެ ޖަލްގާސައި އިދިކޮޅުގެ ފަރާތުން ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަުދު ޝިޔާމްއާއި ޕީއެންސީގެ ނައިބުރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް ޖަލްސާ ނިމުމަށްފަހު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު އެ ވިދާޅުވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށާއި މި އިންތިހާބުގައި ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި ކަމަށެވެ. އަދި ޑިމޮކްރެޓްސްއިން ކެނޑިޑޭޓެއް ނުދައްކަވާ ކަމަށެވެ.
"ޕީޕީއެމް-ޕީއެންސީއިން މާ ކުރިން ވަނީ ރައީސް ޔާމީން ކެނޑިޑޭޓުގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފައި" ޝިޔާމް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުންއިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ޔާމީން ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަށް މިއަދު ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ. ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން" އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
https://twitter.com/Banafsaa/status/1676654882760310784
ކުރީގެ ނައިބުރައީސް އަދި ޔާމީނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ. އަސި ފަސް އަހަރުގެ ތަރައްގީ ގެންނެވި، އިސްތިގްލާލު ނަގާލުމާ، ކަނޑު ވިއްކާލުމާ ދެކޮޅު ހެއްދެވި ހަމައެކަނި ސިޔާސީ ލީ ޑަރަކީ ރ. ޔާމީން ކަމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރ. ޔާމީން. އެެއްވެސް ފަރާތަކަށް އެކަމުގައި ބަސް ނުބުނެވޭނެ." ޖަމީލް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނުނެރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް