ޑިމޮކްރެޓްސްއަށް ޓޮމް ދައުވަތު ދެއްވީ ޔާމީނަށް ތާއީދު ކުރައްވަން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް...

06 Jul 2023 | 04:12

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއިން ޔާމީނަށް ތާއީދު ކުރެއްވުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގާ، މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތި ނުލާ، އަޅުގަނޑުމެން ދެމީހުން އެކުގާ ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭގޮތް އަޅުގަނޑުމެން ހޯދާދޭންވީ” ނަޝީދު ރޭ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޓޮމް މިއަދު ވިދާޅުވީ އެއް ކެނޑިޑޭޓް ފޯމިލާ އެބައޮތް ކަމަށާއި އެއީ އެއްބުރުން އިބޫ ނޫންގޮތެއް ހޯދުމުގެ ފޯމިއުލާ ކަމަށެވެ. އަދި އެއީ ޔަޤީންކަމާއެކު ވެރިކަން ބަދަލުކުރާނެ ގޮތް ކަމަށެވެ.

އެއީ އެންމެން އިއްތިފާޤުވާ ޚިދުމަތްތެރި ލީޑަރު، ރައީސް ޔާމިނަށް ޑިމޮކްރެޓްސް ތާއިދުކޮށް، ދިވެހީންގެ ރާއްޖެ، ދިވެހިންނަށް ހޯދުން ކަމަށް ޓޮމް ވިދާޅުވިއެވެ.

https://twitter.com/AhmedThaariq/status/1676797735171944448

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްގާސައި އިދިކޮޅުގެ ފަރާތުން ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަުދު ޝިޔާމްއާއި ޕީއެންސީގެ ނައިބުރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ނަމަވެސް ޖަލްސާ ނިމުމަށްފަހު އިދިކޮޅުގެ ބައެއް މެމްބަރުން ވަނީ ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އަދި އިންތިހާބުގައި ޔާމީން ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޝިޔާމްގެ އިތުރުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާއި ކުރީގެ ނައިބުރައީސް އަދި ޔާމީނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރ. ޔާމީން. އެެއްވެސް ފަރާތަކަށް އެކަމުގައި ބަސް ނުބުނެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް