ރޮނާލްޑޯ ބާސާއަށް ގެނައުމަށް މަސައްކަތެއް ނުކުރަން – ބާސާ ރައީސް ލަޕޯޓާ

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން ރޮނާލްޑޯ ސްޕެއިންގެ ބާސެލ...

06 Jul 2022 | 13:45

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން ރޮނާލްޑޯ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައްވެސް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

އެގޮތުން ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް އާއި ބާސާގެ ރައީސް ޖޯން ލަޕޯޓާ އާއި ދެމެދު ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ބައެއް ރިޕޯޓުތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

އެހެން ނަމަވެސް މީޑިއާގައި ފެތުރޭ އަޑުތަކާއި ގުޅިގެން ބާސާގެ ރައީސް ޖޯން ލަޕޯޓާ ވަނީ އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ. ލަޕޯޓާ ބުނީ ރޮނާލްޑޯގެ އެޖެންޓް މެންޑޭސް އާއި އެކު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ނަމަވެސް ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅޭގޮތުުން އެއްވެސް ވާހަކައެއް ނުދައްކާކަމަށެވެ.

ލަޕޯޓާ ބުނީ ރޮނާލްޑޯގެ އެޖެންޓް މެންޑޭސްއާއި އެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ދެކެވުނީ މިވަގުތު ޓްރާންސްފާ ވާޒާރުގައި ކުރިޔައްދާ ޓްރާންސްފާތަކާއި ގުޅޭ ވާހަތައް ކަމަށެވެ. އަދި މިވަގުތު ޓްރާންސްފާގައި ލިބެން ހުރި ބައެއް މުހިންމު ކުޅުންތެރިންނާއި ގުޅޭގޮތުން ވެސް ވާހަކަތައް ދެކެވުނުކަމަށް ލަޕޯޓާ ބުންޏެވެ. އަދި ރޮނާލްޑޯގެ ޓްރާންސްފާގެ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށް ލަޕޯޓާ ބުންޏެވެ.

ލަޕޯޓާ ބުނީ ރޮނާލްޑޯ ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މީޑިއާގައިި ވަރަށް ގަދަ ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ހަޤީޤަތެއް ނެތް ކަމަށެވެ. އަދި ރޮނާލްޑޯ އަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ބާސާއިން ރޮނާލްޑޯ ގެނައުމަށް މަސައްކަތް ނުކުރާކަމަށް އޭނާ ބުންޏެވެ.

" އަހަރެން ރޮނާލްޑޯގެ އެޖެންޓާއި އެކު މިދިޔަ ހޯމަ ދުވަހު ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ މިވަގުތު ޓްރާންސްފާ ބާޒާރުގައި ކަންތައް ހިގާގޮތުގެ ވާހަކަ. ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން." ލަޕޯޓާ ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ސީޒަނުގައި މެންޗެސްޓާގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް އެ ކްލަބަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފަ އެވެ. ރޮނާލްޑޯ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ދަބަލުކޮށް ނުލެވުނުއިރު، ޔުނައިޓަށް ލީގު ނިންމާލަން ޖެހުނީ ހަވަނާގައި އޮވެއެވެ. އެހެން ކަމުން އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އަށް ރަނގަޅު ހުށައެޅުމެއް ލިބޭތޯ މިހާރުވެސް އޭނާގެ އެޖެންޓް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ މަޝްވަރާތައް ކޮށްފައިވާ ބައެއް ކުލަބުތަކުގެ ތެރޭގައި ޗެލްސީ، އަދި ބަޔާން މިޔުނިކް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ކުލަބަކުން އަދި މިހާތަނަށްް ރޮނާލްޑޯ ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް