ޑެންމާކުގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ބްރެންޓްފޯޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމުމާއި ގުޅިގެން އެރިކްސަންގެ ކުރީގެ ކުލަބު ޓޮޓެންހަމްގެ ސަޕޯޓަރުންތަކެއް ރުޅި ގަދަވެ އޭނާގެ 23 ނަމްބަރު ޖަހާފައިވާ ޖޯޒީއެއް އަންދާލައިފިއެވެ.
އެރިކްސަން ޔުނައިޓެޑަށް ބަދަލުވާން ނިންމުމާއި ގުޅިގެން ޓޮޓެންހަމްގެ ސަޕޯޓަރުން ދަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން އެޓީމުގެ ސަޕޯޓަރުން ބުނާ ގޮތުގައި އެރިކްސަން ވަނީ ޓޮޓެންހަމް އަށް ބޭވަފާތެރިވެފައެވެ.
ޓޮޓެންހަމްގެ ސަޕޯޓަރުން ބުނާ ގޮތުގައި އިތުރު ކުލަބަކަށް ކުޅޭ ނަމަ އެރިކްސަން ކުޅެން ޖެހޭނީ އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމްއަށެވެ. ޔުނައިޓެޑަށް އޭނާ ބަދަލުވުން ބަލައިނުގަނެވޭނޭ ކަމަށް އެމީހުން ބުންޏެވެ.
އެގޮތުން ޓޮޓެންހަމްގެ ސަޕޯޓަރުން ރުޅިގަދަވެ އޭގެ ތެރެއިން ބައެއް ސަޕޯޓަރުން ވަނީ އެރިކްސަންގެ ޖާޒީއެއް އަންދާލާ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އެރިކްސަންގެ ޖާޒީ އަންދާލުމުގެ އިތުރުން ޓޮޓެންހަމްގެ ސަޕޯޓަރުން ވަނީ އެރިކްސަންއަށް ވަރަށް ބޮޑަށް ފާޑުކިޔާ ޓްވީޓުތަކެއް ވެސް ކޮށްފައެވެ.
އެރިކްސަން ޔުނައިޓެޑަށް ބަދަލުވީ ހިލޭ ޓަރާންސްފާގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް