ރައީސް ނަޝީދު ދެކެ އެމްޑީޕީގެ މެމްބަރުން ފޫހިވެއްޖެ: މޫކޭ

ރައީސް ނަޝީދު ސިޔާސީ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުންނާއި ކަންކަން ކުރައްވާ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ފޫހިވެއްޖެ ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެ...

06 Jul 2022 | 09:59

ރައީސް ނަޝީދު ސިޔާސީ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުންނާއި ކަންކަން ކުރައްވާ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ފޫހިވެއްޖެ ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީ ތެރޭގައި މީގެކުރިން ވަރަށް ވަރުގަދަކޮށް ހުންނެވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުންފު ގެންގުޅުއްވާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ވާދަކޮށް، ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު. ރައީސް ނަޝީދު ވާދަކުރެއްވިޔަސް ރައީސް ސޯލިހް ބަލި ނުކުރެވޭނެ." މޫކޭ ވިދާޅުވިއެވެ.

މޫކޭ މިހެން ވިދާޅުވެފައިމިވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ތެރޭގައި ރައީސް ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝިދުގެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު ވެސް ވާދަ ކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެމްޑީޕީއަށް އެންމެރަނގަޅު ގޮތް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަަކަފުޅު ބައްޓަންކުރައްވާފައިވާގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ އަންނައަހަރުގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ވުމަކީވެސް އެކަށީގެންވާ ކަމަކެވެ. ނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ޕާޓީގެ މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް