ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގުޅިގެން ބަޔާނެއް ނެރުއްވައިފި އެވެ.
މި ބަޔާނުގައި ސޮއިކޮށްފައިވަނީ10 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ މެމްބަރުންނާއި އެމްޑީއޭ އަދި ޖޭޕީގެ މެމްބަރުންނެވެ.
އެ ބަޔާނުގައި ސޮއި ކުރައްވާފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. ދެން ސޮއި ކުރައްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިންނަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަަރުންގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީ ދެމި ތިބުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަމަށެވެ.
ނަފުރަތުގެ ބިލް ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ދިވެހި ގައުމު އިތުުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުުރުސަތު އޮތް ކަމެއް ކަމަށް އެ މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަށް ތާއިދު ނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މެންބަރުންގެ ބަޔާނުގައި ވިދާޅުވީ ނަފްރަތުގެ އަމަލުތައް ހުއްޓުވައި މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި މަޝްވަރާގެ އުސޫލުގެ މަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހު ކުރުން މުހިންމު ކަަމަށެވެ. އެހެން ނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލެވުނުއިރު ކޮމެޓީން ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައިނުވާކަން ފާހަގަކުރާ ކަމަށް ބުނެފައިވެ އެވެ.
އަދި ހިޔާލު ހޯދި އެޗްއާރުސީއެމާއި، އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހިޔާލުތަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް