ރާއްޖެ އެތެރެ ކުރި ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް ހިފަހައްޓައިފި

ރާއްޖެ އެތެރެކުރަން އުޅުނު، ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފި އެވެ. ކަސްޓަމުން މިއަދު ބުނީ އެ ލިޔުންތައް އެތެރެ ކުރަން މަސައްކަތް ކޮށ...

06 Jul 2021 | 14:45

ރާއްޖެ އެތެރެކުރަން އުޅުނު، ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފި އެވެ.

ކަސްޓަމުން މިއަދު ބުނީ އެ ލިޔުންތައް އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ ޕޯސްޓްގެ ޒަރިއްޔާއިން ކަމަށެވެ. އެތަކެތި ހިފެހެއްޓީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ބަލާ ފާސްކުރުމުގެ ތެރޭގައި ފާހަގަވެފައިވަނީ ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބޭރުގެ އެކިއެކި މީސްމީހުންގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަ ކަމެވެ. އަދި ނަސޯރާ ދީނުމުގެ މައުލޫމާތު ލިޔެފައިވާ މި ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރަ ކުރެވި ތަފާތު މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ މީސްމީހުންނަށް އެޑްރެސްކޮށް ކަމަށެވެ.

އެކަމަކު މިހާތަނަށް ކަސްޓަމްސް އިން ބެލި ބެލުމުން މިކަމަކީ އެ ލިޔެކިޔުންތައް އެޑްރެސް ކޮށްފައިވާ މީހުންނަށް ނުވަތަ ކުންފުނިތަކާއި މުއައްސަސާތަކަށް އެނގުމަކާއި ނުލައި އޮޅުވާލުމުގެ ތެރެއިން ކުރަމުންދާ ކަމެއް ކަަމަށްވެސް ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ މިފަދަ ލިޔުންތައް ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓަމުން އަންނަ ކަމަށާ އަދި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުން ހޯދާ އެކަން ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށް ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެއަށް ގެނައުމާއި އެ ފަދަ ފޮތްތައް އިޝްތިހާރު ކުުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ގޮތްތަކުގެ މައުޒަރުތައް ބޭއްވުމާއި ވިއްކުމާއި ދިނުމާއި އާންމުކޮށް ފެންނާނެހެން ގެންގުޅުމަކީ މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް