ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރާއްޖެއިން މިޔަރު އުރަހަތައް ބޭރު ކުރަން އުޅުނު މައްސަލައިގަ ދެ މީހަކަށް ދައުވާކޮށްފި އެވެ.
މި މައްސަލައިގަ ދައުވާކޮށްފައިވަނީ މއ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި ސިޓީ، ކިރުދޫނިގެ، އަހުމަދު މުހައްމަދު ކިޔާ ދެ މީހަކަށެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިއަދު އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މީހުންނަާއި ދެކޮޅަށް ތިން ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރުމުގެ ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
429 ކިލޯގެ މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އެމީހުން އެތަކެތި ބޭރު ކުރަން މަސައްކަތް ކުރީ އޮޅުވާލައިގެން އެންޒީގެ ފޮށިތަކެއްގައި ބަންދުކޮށްގެން ލޮނުމަސްތަކެއްގެ ތެރެއަށް ލައިގެންނެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި މިޔަރުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަކީވެސް މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް