ބ. ކެންދޫ އާއި ކ. ގާފަރުގެ އިތުރުން ރ. ހުޅުދުއްފާރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ތިން ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
މީގެތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވި ހުޅުދުއްފާޜު މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި ފަހެއްގައި އެވެ. އޭގެ ފަހުން މިހާތަނަށް 44 މީހުން ޕޮސިޓިވްވެފައިވާއިރު ދެމީހުން މަރުވެފައިވެ އެވެ.
ގާފަރު ކޯވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މެއި 19 ގައި އެވެ. އެ ރަށުން މިހާތަނަށް 114 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކެންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މެއި 29 ގަ އެވެ. އޭގެ ފަހުން އެ ރަށުން 77 މީހަކަށް މި ބަލި ޖެހުނެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ގާފަރުގައި އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ ހައެއްގަ އެވެ. ކެންދޫގައި ކޯވިޑަށް ޕޮސިޓިވް ހަތަރު މީހުން ތިބި އިރު ހުޅުދުއްފާރުގައި ޕޮސިޓިވް ހުރީ އެންމެ މީހެކެވެ.
ކޯވިޑްގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު އިއްޔެ އަތޮޅު ތެރެއިން 111 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް