ކަނޑޫފާތަށް މަރުވަނީ ގަސްތައް ބަލިކަށިކޮށް މަރާލާ ފަންގަސެއްގެ ސަބަބުން: އީޕީއޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ކަނޑޫފާތަށް މަރުވަނީ ގަސްތައް ބަލިކަށިކޮށް މަރާލާ ފަންގަސެއްގެ ސަބަބުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ. އީޕީއޭއިން ނެރުނު...

06 Jul 2021 | 10:16

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ކަނޑޫފާތަށް މަރުވަނީ ގަސްތައް ބަލިކަށިކޮށް މަރާލާ ފަންގަސެއްގެ ސަބަބުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކަނޑޫފާ މަރުންވަމުންދިޔަ ހަތް ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ ދެ ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބަލާފައިވާ ކަމަށެވެ.

ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ ފަންގަސް އެއްވަނީ ފެނިފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ތަހްލީލްތަކުން ހޯދިފައިވާ ފަންގަސް އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކުރާ ފަންގަސެއް ކަމަށެވެ.

އީޕީއޭއިން ބުނެފައި ވަނީ ރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ އެ ފަންގަސްގެ ސަބަބުންކަން ޔަގީން ކުރެވޭނީ، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށެވެ. އަދި ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް އޭގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު ފީލްޑް ވިޒިޓް ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހޭ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އީޕީއޭއާކު މަސައްކަތްކުރަމުން ގެންދާ ޓީމެއް ވީހާވެސް އަވަހަކަށް އެރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް