ކުރީގެ ރައީސް އަަބްދުﷲ ޔާީން ތާއީދު ކުރައްވާ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައި ނުގެންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރޭ ކުރިޔަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެ މަނިކުފާނާ އެކު ޔާމީން މަސައްކަތްކުރައްވާނެ ކަމަށް ދެެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ 2023 ގެ ކުރިން ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރާނީ ޕީޕީއެމް އާއި އެމްޑީޕީ އިސްވެ އޮވެގެން ކަމަށެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން ތާއިދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވަނީ ރިޔާސީ ނިޒާމަކީ ވެރިކަމުގެ ނިޒާމު ކަމަށް ނިންމާފައި ކަމަށެވެ.
އިތުރަށް ވިދާޅުވީ ރައީސް ޔާމީން ތާއިދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއްނުގަންނަވާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވެންޖެހޭނެ ކަމަށާއި އެއީ ގައުމު ބޭނުންވާ ގޮތް ކަމަށެވެ.
https://twitter.com/Banafsaa/status/1412141286644137995
އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް، ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓު ދިންއިރު، އޭރު ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވެސް ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ނިޒާމު ބަދަލުކުރުމަށް އަންނަ އަހަރު ހޯދަންވީ ރައްޔިތުންގެ ހިޔާލު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް