މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން އެޕޮއިންޓްމެންޓް ލިބޭ ގޮތަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު އެޕޮއިންޓްމެންޓް އުސޫލުން ޖަހައިދޭން ފަށާފައި އެވެ. އެގޮތުން ފުރަތަމަ ދުވަހު ހަމަ އެކަނި އެޗްޕީއޭއިން ގުޅައި އެޕޮއިންޓްމެންޓު ދިން ފަރާތްތަކަށް ވެކްސިން ޖަހައި ދިން އިރު އިއްޔެ ވަނީ އޮންލައިންކޮށް ޓޯކަން ދޫކޮށްގެންނާއި ދެކޮގޮތަށް ވެކްސިން ޖަހައިދީފަ އެވެ.
އެޗްޕީއޭއިންް ބުނީ މިއަދުން ފެށިގެން އެ ދެ ގޮތަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އެޕޮއިންޓްމެންޓު ދޫކުރާނީ އެޗްޕީއޭ ޕޯޓަލް މެދުވެރިކޮށް ކަމަށް ބުންޏެވެ. އެ ޕޯޓަލްގެ އެޑްރެހަކީ https://book.hpa.gov.mv/ އެވެ.
މިއަދުން ފެށިގެން ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދެވޭނެ ގަޑިއާއި ތާރީހު، އެއިން އިހުތިޔާރު ކުރާށެވެ. އަދި އެމީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުމުން، މެސެޖެއް ލިބޭނެ އެވެ.
ވެކްސިން ޖަހަން ދިއުމަށް ފަހު، އެ ސެންޓަރަކަށް އެ މެސެޖް ދައްކަން ޖެހޭނެ އެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދައި، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. އަދި ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެމީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މިހާރު ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދެމުން ދަނީ ފެބްރުއަރީ އެކަކުން މާޗް 15 އާއި ދެމެދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް