މަހަކު 3،300 ރުފިޔާ ދައްކަން ޖެހޭގޮތަށް ބީއެމްއެލްގެ ހިޔާ ފްލެޓަށް ހާއްސަ ލޯނު ތައާރަފުކޮށްފި

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނެއް ތައާރަފުކޮށްފި އެވެ. "ހޯމް އިމްޕްރޫވްމެންޓު" ގެ ނަމުގައި ތައާރަފު ކުރި މި ސްކީމް މެދުވެރިކޮށް ފްލެޓް ލިބިފައިވ...

06 Jul 2021 | 07:22

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނެއް ތައާރަފުކޮށްފި އެވެ.

"ހޯމް އިމްޕްރޫވްމެންޓު" ގެ ނަމުގައި ތައާރަފު ކުރި މި ސްކީމް މެދުވެރިކޮށް ފްލެޓް ލިބިފައިވާ މީހުންނަށް 25،000 ރުދިޔާ އާއި 150،000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭނެ އެވެ. މި ލޯނަށް މަހަކު ދައްކަން ޖެހެނީ 3،300 ރުފިޔާ އެވެ.

ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ބީއެމްއެލް އިން ބުނީ މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ރަހުނަކާ ނުލައި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފު ކުރެވުނު ފައިނޭންސިން ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެއް. ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުތުހަމަވާ ފަރާތްތަކަށް ރަހުނަކާ ނުލައި، އިތުރު ހަރަދެއް ކުރަން ނުޖެހި، ލިބިފައިވާ ފްލެޓުގެ ބާކީ މަސައްކަތްތައް ނިންމާލަން ލޯނު މިހާރު ލިބޭނެ ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ހިޔާ ފްލެޓު ލިބުނު މީހުންނަށް ލޯނު ސްކީމެއް ތައާރަފުކުރެވުމުން އުފާ ކުރައްވާ ކަމަށެވެ. އަދި މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް އިން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކުން ވަނީ "ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސް"ގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ.

މި ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާއިރު ލޯނު ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ.

މި ލޯނު ވެސް ދޫކުރާނީ ރަހުނަކާ ނުލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް