އަޝްމަލީ ބުކިން ހެއްދީ "އޮއިލް މަސާޖަކަށް"، ޖިންސީ އަމަލު ހިންގާކަށް ނޫން: ވަކީލު

އަވައްޓެރި ސްރީލަންކާގައި15 އަހަރުގެ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ބުކިން ހެއްދީ ކުއްޖާ އާއި އެކު ޖިންސީ ...

06 Jul 2021 | 05:52

އަވައްޓެރި ސްރީލަންކާގައި15 އަހަރުގެ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ބުކިން ހެއްދީ ކުއްޖާ އާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

މިމަހު ކުރީ ކޮޅު ފަޅާ އެރި މި މައްސަލައިގަ އަޝްމަލީ ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި އެވެ.

މި މައްސަލައިގަ ކޯޓުގައި އަޝްމަލީގެ ދިފާއުގައި އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުން ނޫން ކަމަށެވެ. އަދި ބުކިން ހެއްދި އިރު އެއީ ކުޑަކުއްޖެއްކަން ނޭނގޭ ކަމަށް ވަކީލް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވަކީލް ވިދާޅުވީ އަޝްމަލީ އޮންލައިންކޮށް ފައިސާ ދައްކައި ބުކިން ހެއްދީ ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" ކަމަށެވެ.

މި މައްސަލައިގަ ލަންކާ ފުލުހުން ވަނީ 32 މީހަކު ހައްޔަރުކޮށްފައި އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން އަޝްމަލީއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އެ ކުއްޖާ އާއި އެކު ޖިންސީ އަމަލު ހިންގުމުގެ އިތުރުން ކުއްޖާގެ ހަށި ވިއްކަން އިޝްތިހާރު ކުރުމަށް ބޭނުންކުރި ދެ ވެބްސައިޓް މެއިންޓެއިންކޮށް ހިންގަމުންދިޔުން ހިމެނެ އެވެ.

އަޝްމަލީގެ އިތުރުން މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ލަންކާގެ ވެރިކަން ކުރާ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ބުދިސްޓު ފާދިރިީއެއްގެ އިތުރުން އެ އަންހެން ކުއްޖާގެ މަންމަ އާއި ވިޔަފާރިވެރިން ހިމެނެ އެވެ. މީގެ އިތުރުން ހަށިވިއްކާ ހޮޓަލުގެ މެނޭޖަރާއި މީހުން އެތަނަށް އުފުލާ އޮޓޯ ޑްރައިވަރަކު ހިމެނެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން އެ ކުއްޖާ އާއި އެކު ޖިންސީ އަމަލު ހިންގިކަން އަދި ސާބިތު ކުރެވިފައިވަނީ 24 މީހެކެވެ. ދެން ތިބި މީހުންނަކީ އެކަން ކުރުމުގައި އުޅޭ މީހުން ކަމަށްވެ އެވެ.

އެ ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސް ވެއްޖެ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް