ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ފަސޭހަ ކުރުމަށް ހަދާފައިވާ ޕޯޓަލްގައި ރެޖިސްޓްރީވުމަށް ހުޅުވާލާއިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ "ހިޔާ 7000 ޕޯޓަލް" ގައި ފްލެޓު ލިބުނު ކޮންމެ މީހަކު އަމިއްލަ އެކައުންޓެއް ހުޅުވުމަށް އެދޭ ކަމަށެވެ. އަދި އެކައުންޓު ހުޅުވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ.
ޕޯޓަލުގެ ބޭނުމަކީ ފްލެޓް ލިބުނު މީހުން އެޗްޑީސީ އަށް ލިޔެކިޔުންތައް ހުށަހެޅުމާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ. ކޯވިޑާ ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާ އެކު ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ހުއްޓުމެއް ނެތި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕޯޓަލްގައި އެކައުްނޓު ހުޅުވުމަށް ފަހު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި އެ މީހަކަށް ފްލެޓް ލިބުނު ކެޓަގަރީއަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށާއި ފްލެޓް ލިބުނު މީހުންގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށް އެދިފަ އެވެ. ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރާ ފަހުން މަރުވެއްޖެ ނަމަ، ނުވަތަ ބުއްދިއަށް އުނިކަމެއް އަތުވެއްޖެ ނަމަ، އެ މީހެއްގެ ވާރިސުން ސާބިތު ކުރެވެންދެން، އެ މީހެއްގެ ބަދަލުގައި ފްލެޓްގެ ޒިންމާ އުފުލާނެ މީހަކާ ގުޅޭ މައުލޫމާތު ވެސް ހުށަހެޅުމަށްވެސް އެދިފައިވެ އެވެ.
އެޗްޑީސީން ބުނީ، އެއްވެސް ސަބަބަކާ ހުރެ ފްލެޓް ލިބުނު މީހާ އަށް ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހާޒިރު ނުވެވިއްޖެ ނަމަ ބަދަލުގައި ސޮއިކުރާނެ މީހެއްގެ މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި ސައްހަ ނޫން މައުލޫމާތު ނުވަތަ މައުލޫމާތު ފުރިހަމަ ނުކޮށް ހުރި ނަމަ، "ޕަވާ އޮފް އެޓާނީ" ބާތިލުކުރާނެ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ވަނީ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުން ވެސް އެ ބަދަލުކުރާ ފްލެޓަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ފްލެޓް ބަދަލުކުރުމަށް ކޮންމެ މީހަކަށް ވެސް ދެވޭނީ އެންމެ ފުރުސަތެކެވެ. އެއް ފޯމަށް ވުރެ ގިނައިން އެކަކު ހުށަހަޅައިފި ނަމަ ފޯމުތައް ބާތިލުވާނެ ކަމަށް ވެސް ބުނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މައުލޫމާތު ފޯމު އޮންލައިންކޮށް ހުށަނޭޅޭ ނަމަ އެމީހުންގެ ފޯމު ބަލައިގަންނާނީ ހުރަވީ ސްކޫލުގެ ހޯލުގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޗްޑީސީން އެދިފައި ވަނީ ވީހާ ވެސް ގިނަ ބަޔަކު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް