އިންތިޒާރު - 16 ވަނަބައި

"އަސްލުވެސް ލޯބިވޭތަ" ނިހާން ޝަނީ އާއި ހަމަކުރަމުން މަޑުމަޑުން ބުންޏެވެ. "މަ ހީވެސް ނުކުރަން އެހާ އީޒީ ވާނެކަމަށް" ޝާނީގެ މޫނު އިތުރަށް ރަތްވެގެން ދިޔައެވެ. ޝާނީ ހީކުރިވަރަށްވުރެވެސް ނިހާން މާ ކެރެއެވ...

06 Jul 2015 | 07:11

"އަސްލުވެސް ލޯބިވޭތަ" ނިހާން ޝަނީ އާއި ހަމަކުރަމުން މަޑުމަޑުން ބުންޏެވެ. "މަ ހީވެސް ނުކުރަން އެހާ އީޒީ ވާނެކަމަށް"

ޝާނީގެ މޫނު އިތުރަށް ރަތްވެގެން ދިޔައެވެ. ޝާނީ ހީކުރިވަރަށްވުރެވެސް ނިހާން މާ ކެރެއެވެ. ޝާނީ ހީކުރީ ނިހާން ފިނޑިވެގައި އެވާހަކަ ދައްކަން ނުކެރި ހުންނާނީ ކަމަށެވެ.

"ލޯބިވާތީ ދޯ ބުނާނީ" ޝާނީވެސް ފިނޑިވާކަށް ބޭނުމެއް ނުވިއެވެ. "ބައެއް ކަންތައްތަކަކީ ހީކުރާ ވަރަށް ވުރެ އީޒީ ކަންތަކޭ... ބައެއްފަހަރު ތިމާގެ ހިތަކީ ތިމާގެ ބަލިފައި ކަމުގައިވެސް ވެއެއްނު"

އެދުވަހަށްފަހު ނިހާން އާއި ޝާނީގެ ލޯބީގެ ގޮށްދިޔައީ ބާރުވަމުންނެވެ. ދެމީހުން އެކަކު އަނެކަކާ ވަކި ނުވުމަށް އެތައް ވަޢުދުތަކާއި އަހުދުތަކެއް ވެވުނެވެ.

ސްކޫލް ނިމުނު އިރު ދެމީހުންގެ ލޯބީގެ ވާހަކަ ނޭނގޭނޭ މީހަކު މުޅި ސްކޫލުގައިވެސް ނޫޅެކަހަލައެވެ. އެދެމީހުންގެ ލޯބީގެ ޚަބަރު ނިހާން މަންމަގެ ކަންފަތުގައި ޖެހުނީއްސުރެ މަންމަ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެކަން ޝާނީއަށް އެނގުނީ ރަށު ތެރެއިން އިވޭ ތަފާތު އަޑުތަކުންނެވެ. ސްކޫލް ނިމި މާގިނަ ދުވަސްތަކެއްނުވެ ނިހާން އާއި އޭނާގެ އާއިލާ މާލެއަށް ހިޖުރަކުރިއެވެ.

ވަކިވާންޖެހުުމުން އެދެ ލޯބިވެރިންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެއެވެ. ނަމަވެސް ނިހާން ޝާނީއަށް ޔަޤީންކަން ދިނީ އޭނާ ދުވަހަކުވެސް ޝާނީ އާއި ވަކި ނުވާނޭކަމުގައެވެ. ޝާނީވެސް ނިހާން އަށް އެޔަޤީންކަން ދިނެވެ.

ދާދި ފަސޭހައިން ޝާނީއަށް ރަށުން ވަޒީފާއެއްވެސް ހަމަޖެހުނެވެ. މާލެ ގޮސް ނިހާން ވަނީ ޕޮލިހަށެވެ. ނިހާން އާއި އެއްމެ ގުޅޭނެކަމަށް ޝަނީ އަބަދުވެސް ބުނަމުން ދިޔައީ އެ ވަޒީފަކަމުގައެވެ. ނިހާން ޕޮލިހަށް ވަނުމަށް ޚިޔާލްދީ ހެދީވެސް ޝާނީއެވެ. އެހެން ކަމުން ޝާނީ ހުރީ ވަރަށް އުފާވެފައެވެ. ޝާނީ ހިތް އެދޭ ހުރިހާ ސިފައެއް ނިހާން ގައިގައި ހުރީތީއެވެ.

ނިހާން ޓްރެއިނިންގް އަށް ފުރިއިރު އާދައިގެ މަތިން ޝަނީއަށް ދުވާލަކު އެތައްފަހަރަކު ގުޅައެވެ. ފުރަން ޖެހޭތީ ނިހާން ވަރަށް ދެރަވެގެން އުޅުނެވެ. ނަމަވެސް ޝާނީ ނިހާން އަށް ހިއްވަރުދިނެވެ. އެދެމީހުންގެ ލޯބި އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރިކަމަށް ބުންޏެވެ.

ނިހާން ފުރުމަށްްފަހު ޝާނީ އަކަށް ނިހާން ނުގުޅައެވެ. އަދި ޝާނީ އަކަށްވެސް ނިހާން އަކަށް ނުގުޅެއެވެ. ދެމީހުންވެސް ޖެހުނީ ކެއްތެރިވާށެވެ. ނިހާންވެސް ކެއްތެރިވާނޭކަން ޝަނީއަށް ޔަގީންކަން އޮތެވެ.

އޭގެ ދެމަސްފަހުން ނިހާން ޓްރެއިނިން ނިންމުމަށްފަހު މާލެ އައި ކަން ޝަނީއަށް އެނގުނެވެ. ނަމަވެސް ނިހާން ގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން ޝާނީ ނިހާންއަށް ގުޅިއެވެ. ފުރަތަމަ ކޮޅު ނިހާން ވެސް ވަރަށް ވާހަކަ ދެއްކިއެވެ. ފަހަކަސް އައިސް ނިހާން އަށް ޝާނީ އާއި ގުޅާނޭ ވަގުތެއް ނުވެއެވެ. އަދި ޝާނީ ގުޅިއަސް ވާހަކަދެއްކާނޭ ވަގުތެއްވެސް ނޯވެއެވެ. އެކަމާ ޝާނީ ޝަކުވާ ކުރުމުން ޝާނީ ބުނީތީ ގުޅާލާ އުސޫލުން ނިހާން ޝާނީއަށް ގުޅާލައެވެ. އެގޮތެއް ޝާނީއަކަށް ކަމަކު ނުދެއެވެ. އޭނާ އެކަމާ ޝަކުވާ ކުރިއެވެ.

ނިހާން ބަދަލުވީއެވެ. ނަމަވެސް ޝާނީ ނިހާން ކުރި އިތުބާރަށް ޓަަކައި ޝާނީ ކެއްތެރި ވިއެވެ. އެތަކެއް ޝުޢޫރުތަކެއް ޝާނީ ގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގެ ރިހުން ވަކި ނިހާން އަށް އެނގޭނީ ކިހިނެއްހެއްޔެވެ. ނިހާން އަށް އިތުރު އެއްވެސް ބަދަލެއް ނައެވެ. ނިހާން މިހާ ބޮޑަށް ބަދަލުވާން ވީ ކީއްވެކަމެއް ޝާނީ އަކަށް ނުވިސްނުނެވެ.

ތެމިފޯވެފައިވާ ނާހިދާ ހެނދުން ބަދަލުކޮށްލައިގެން ސިޓިން ރޫމަށް ނިކުތްއިރު ނިޒާމް އިނީ ސިޓިންރޫމުގެ މޭޒްކައިރީގައި ކޮންމެވެސް އެއްޗެއް ލިޔާށެވެ. ކެއްތެރިކަމެއްނެތި ނިޒާމް އިންތިޒާރު ކުރަމުން ގެންދިޔައީ ގޭގެ އެންމެން ނިދާ ފައިހިލަވަޅު އޮބޭނޭ ވަގުތަކަށެވެ. މޭޒުކައިރީގައި އެއްޗެއް ލިޔާކަމަށް ހެދިގެން އިންއިރު ވައްކަޅިން އޭނާ ބަލަމުން ގެނދިޔައީ ޝާނީގެ ކޮޓަރިއަށެވެ. ޝާނީ ތެމިފޯވެގެން އައިސް ކޮޓަރިއަށް ވަތްތާ އިރުކޮޅެއްވެއްޖެއެވެ. ޖީބުގައި ޝާނީގެ ކޮޓަރީގެ ތަޅުދަނޑި އޮތްކަން އެނގޭނޭ އެއްވެސް މީހަކު ނެތެވެ.

ނާހިދާ ސިޓިންރޫމަށް ނިކުމެ ޓީވީ ހުޅުވާލިއެވެ. އަދި އެއަށްފަހު ފަހަން ފަށާފައި ހުރި ހެދުންތައް ފައްޖަހާލުމަށްފަހު ކޮތަޅަށްއަޅާ ގޮއްޖަހާލިއެވެ. ނާހިދާގެ ހަރަކާތަކަށް ނިޒާމް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

"ނިދާކަށް ނުވޭ؟" ނާހިދާ އެހިއެވެ.

"ނޫނޭ! ދެން ތިކަމާވެސް އުޅެންވީ.." ނިޒާމް ލިޔަމުންގެންދިޔަ ލިޔުމަށް އިތުރަށް ސަމާލުކަންދޭކަމަށް ހަދަމުން ބުންޏެވެ. "ނާހީ ނިދާލާ.. މި ނިންމާލާފައި މިއަންނަނީ.."

ނިޒާމް އެހެން ބުނުމުން ނާހިދާ ވަނީ ކޮޓަރިއަށެވެ. އޭގެ އިރުކޮޅެއްފަހުން ނިޒާމް ފާހާނާއަށް ދާކަހަމަށް ހަދާފައި ނާހިދާ ނިދައިފިތޯ ބަލާލަން ކޮޓަރިއަށްވަނެވެ. އޭރު ދިއްލާފައިވާ ފަނޑުބޮކީގެ އަލީގައި ނާހިދާ ހަރު ނިންޖެއްގައި ނިދާފައި އޮތެވެ.

ވަގުތުން ނިޒާމް މިސްރާބުޖެހީ ޝާނީގެ ކޮޓަރިއަށެވެ. ދޮރުހުރީ ތަޅުލާފައެވެ. ނިޒާމް މަޑުމަޑުން އޭނާގެ ޖީބުގައި އޮތް ތަޅުދަނޑި ނެގިއެވެ. އަދި ލަސްލަހުން ތަޅުހުޅުވާލިއެވެ.

ޝާނީގެ ހިޔާލީ ދުނިޔެ ނިމުމަކަށް ގެނުވީ ނިޒާމް ދޮރުހުޅުވާލުމުންނެވެ.

ޝާނީ ދިޔައީ ސިއްސައިގެންނެވެ. ނިޒާމްވެސް ފަހަތައް ޖެހިލެވޭގޮތް ވިއެވެ. ނަމަވެސް ވަކިއެއްޗެއް ނުބުނެއެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ފޮތްކަބަޑުން ފޮތެއް ނަގައިގެން އޭނާ ނިކުތީ ބޭރަށެވެ. ޝާނީއަށް ހަމަ ނޭވާއެއް ލެވުނީ ނިޒާމް ދޮރުލައްޕާފައި ތަޅުލުމުންނެވެ.

ޝާނީއަށް ނިދުނީ ކޮންމެވެސް ކަމަކާ ހާސްވެފައި އޮއްވައެވެ. ނިޒާމް އެގޮތަށް ޓަކި ޖަހާނުލާ އަންހެން ކުއްޖެއްގެ ކޮޓަރިއަށް ވަންނަން ވީ ކީއްކުރަންހެއްޔެވެ. އެންމެރަގަޅެވެ. ޝާނިއަށް ގަބޫލުކުރެވުނީ އެއީ ހުސް ވަހުމް ކަމުގައެވެ.

މެންދަމު ދޭއްޖެހިއިރު ނިޒާމް އަނެއްކާވެސް އެނދުން ތެދުވެއްޖެއެވެ. އޭރުވެސް ނާހިދާ އަރާމު ނިންޖަކުން ނިދާފައި އޮތެވެ. ނިޒާމް އަކަށް މިރޭ ނިދޭގޮތެއް ނުވެއެވެ. ޝާނީ މިގެއަށް އައިފަހުން އޭނާގެ ހިއްސުތަކަށް ނޭގޭ ތާޒާކަމެއް ލިބިފައި ވާކަހަލައެވެ. ދަގަތްފާނަށް ދަނގަޑު ދަމާހެން ނިޒާމްގެ ހިތް އެދެމުންދިޔައީ ޝާނީގައިގައި ބީހިލުމަށެވެ. އެ މައުސޫމް ހަށިގަނޑުން އުފަލެއް ހޯދުމަށެވެ.

މަޑުމަޑުން ޝާނީގެ ކޮޓަރީގެ ދޮރު ނިޒާމް ހުޅުވާލިއެވެ. ނިދާ ބޮކީގެ ފަނޑުއަލިން މުޅި ކޮޓަރިވަނީ ކުލަބަދަލުކޮށްލާފައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނާއި އެނބުރެމުންދިޔަ ބާރު ފަންކާއިން ފޯރުކޮށްދޭ ފިނިވައިގެ ސަބަބުން މުޅި ކޮޓަރިވަނީ އަރާމު މިންވަރަކަށް ފިނިވެފައެވެ. ޝާނީ އޮތީ ކުރުގޮޅިގެންނެވެ. އޭނާ ލައިގެން އޮތް ޓީޝާޓް އޮތީ މައްޗަށް ކެހިލާފައެވެ.

ޝާނީއަށް އޮތީ ނިދިފައެވެ. އޭނާ އޮތީ އުފާވެރި ހުވަފެނެއްގައެވެ. އެހުވަފެނުގައި އޭނާއަށް ފެންނަނީ ނިހާންއެވެ. ކައިވެނި ހެދުމުގައި ޝާނީ އިންތިޒާރު ކުރަމުން ދިޔައީ ނިހާން އަށެވެ. އިސާހިތަކު ނިހާން އައިސް ޝާނީގެ އަތުގައި ހިފާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އަދި މަޑުމަޑުން އޭނާގެ އަތުން ޝާނީގެ މޫނުގައި ފިރުމާލިއެވެ. ޝާނީގެ ހަށިގަނޑުން ވާގިދޫވާން އުޅޭކަހަލައެވެ. ފަރުވާތެރިކަމާއެކު ނިހާން އޭނާގެ މޫނު ޝާނީގެ މޫނާއި ގާތްކޮށްލިއެވެ. އަދި ޝާނީގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ.

ޝާނީއަށް ކުއްލިޔަކަށް ހުވަފެނުން ހޭލެވުނެވެ. އޭރު ކައިރީގައި ހުރީ ނިޒާމް އެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް